ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ތާވަލުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން އޮތީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އޮތީ އިއްވައިފަ އެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ކުރިން އޮތީ ނިންމާލައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގެ ހުކުމް ހައި ކޯޓުން އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު 1:00 ގަ އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
ރައީސް ޔާމީންއަށް ލުއި ދީ، ގެއަށް ބަދަލުކުރީ ކުރީ ސަރުކާރަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވުމުންނެވެ. މި ސަރުކާރުން ރައީސް ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ. އަދި އެ މައްސަލަ ލަސްވާ ސަބަބު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފަ އެވެ.