ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުން ނިންމުމަށްފަހު ހުކުމް ނުކޮށް ލަސްވަމުންދާ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އަސްލަމް ވިދާޅުވީ ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމެއް ނުބޭއްވި މިހާ ދިގުލައިގެން ދިއުމުން މި ސަރުކާރުން އެ މައްސަލައިގެ ތެރެއަށް އަތްބާނައި، ނުފޫޒު ފޯރުވަމުންދާކަން ހާމަވާ ކަމަށެވެ.
ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އޭނާ ޖޭއެސްސީ އަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ [ޔާމީންގެ] މައްސަލަ އަޅުގަނޑު ލާނަމޭ [ޖޭއެސްސީއަށް]، އެ މައްސަލަ ބަލުވާނަމޭ،" އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން އަސްލަމް ވަނީ ރައީސް ޔާމީންގެ އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން މިދިޔަ އަންގާރަ ދުވަހު ރޭ ބޭއްވި ޖަލްސާއަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅާފައިވާކަން ފާހަގަކުރައްވާ އެކަން ކުށްވެރިކުރައްވާފަ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމީންއަށް ލުއި ދީ، ގެއަށް ބަދަލުކުރީ ކުރީ ސަރުކާރަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ގޮތް ހުސްވުމުންނެވެ. މި ސަރުކާރުން ރައީސް ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.