ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިން ކުށުގައި 11 އަހަރަށް ޖަލަށްލާން ކުރި ހުކުމްގެ އިސްތިއުނާފީ މައްސަލަ ނުނިމި އޮއްވައި ހައި ކޯޓުން އެއް މަސް ދުވަހުގެ ރިސެސްއަކަށް ހިނގައްޖެ އެވެ.

ހައި ކޯޓުން ބުނީ އެ ކޯޓުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިއްޔެ އިން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ރިސެސް އަށް ދިއުމަށް ފަނޑިޔާރުންގެ އާންމު މަޖިލިހުން ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެ މުއްދަތުގައި ވަކި ބާވަތެއްގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ މަޖިލިހުން ނިންމި ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެތެރޭގައި ހިމެނެނީ ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތްތަކުގެ މައްސަލަތަކާއި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސްތަކާއި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތަކެވެ.

ރިސެސްގެ މުއްދަތުގައި އާންމުކޮށް ޝަރީއަތްތައް ނުބާއްވަ އެވެ. ނަމަވެސް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކޯޓުގައި ހިނގަ އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރި އިރު، މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން ނިންމާލީ މިދިޔަ މަހުގެ 21 ގަ އެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެނެމް ފަހުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.