ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ލިޔުއްވި މެސެޖެއްގައި މަހުލޫފް ވިދާޅުވީ ފައިސަލް ކުރެއްވި އެންޓި ކެމްޕޭނާއެކު އެމަނިކުފާނަށް އެ ގޮނޑި ގެއްލުވާލެވުނީ އެންމެ 48 ވޯޓުން ކަމަށެވެ.

ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވީ ފައިސަލްގެ ކޮއްކޯފުޅު އަދި މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމެވެ.

މަހުލޫފް ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާގެ ކެމްޕޭން ޓީމްގެ ފަރާތުން ފައިސަލްގެ މައްސަލަ އެމްޑީޕީއަށް ހުށަހަޅާނެ ކަމަށެވެ.

"އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅައި [ފައިސަލް] ދިޔައީ ނަޒޫއާ ދެކޮޅަށް މަސައްކަތް ކުރަމުން،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ފައިސަލް ނަޒޫއާ ދެކޮޅަށް މަސައްކަތް ކުރެއްވިކަން އެމްޑީޕީގެ ލީޑާޝިޕަށް ވެސް އެނގޭނެ އެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ކެމްޕޭން ޓީމުން ތިބީ ދޫދޭގޮތަކަށް ނޫން ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"އަދި ނަޒޫގެ މައިންބަފައިންނާއި އާއިލާއަށް ވެސް މިކަން އެނގޭ. އަޅުގަނޑުމެން މިތިބީ މިކަމުގައި ދޫދޭގޮތަކަށް ނޫން،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ފެށުނު ހިސާބަކީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހަމަޖެއްސި ހިސާބުން ކަމަށެވެ.

"އަދިވެސް އިތުރު ސަބަބެއް ހިމެނޭ. އާއިލާގެ ފަރާތުން ވާނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި،" މަހުލޫފް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިންމަން ފައިސަލް އެތައް މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް މަހުލޫފް ތުހުމަތުކުރެއްވި އެވެ.

މިކަމާ ގުޅޭގޮތުން ފައިސަލް ވަކިއެއްޗެއް އަދި ވިދާޅެއްނުވެ އެވެ.