ގައުމީ އެއާލައިން މޯލްޑިވިއަންއިން މާލެ އާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑްއޭވިއޭޝަނުން ބުނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ކުރާނެ ކަމަށެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުތައް ފެށުމުން ހަފުތާ ބަންދުގައި ލަންކާއަށްދާ މީހުންނަށް ފަސޭހަވާނެ ކަމަށް އައިލެންޑްއޭވިއޭޝަނުން ބުންޏެވެ.
މި ދަތުރުތައް ފަށަން މޯލްޑިވިއަން ވަނީ މާލެ-ލަންކާ ދެކޮޅު ޓިކެޓު 165 ޑޮލަރަށް ލިބޭ ހާއްސަ ފެއާއެއް ފަށައިފަ އެވެ. އެ ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ އޭ320 ފްލައިޓްގަ އެވެ. މި ދަތުރުތައް ފެށީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލާ ވެސް ގުޅިގެންނެވެ. އެގޮތުން މޯލްޑިވިއަންގައި ލަންކާއަށް ދާ ދަތުރުވެރިންނަށް އެ ހޮސްޕިޓަލުން %15 ޑިސްކައުންޓު ލިބޭނެ އެވެ.
މީގެ ކުރިން ވެސް މޯލްޑިވިއަނުން ވަނީ ސްރީ ލަންކާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ބާއްވައިފަ އެވެ. އަދި މީގެކުރިން ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ލަންކާއަށް ދަތުރުތައް ކޮށްފައިވެ އެވެ.
ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކުރުމަކީ މޯލްޑިވިއަނުން ހާއްސަ އިސްކަމެއްދީގެން މިހާރު ކުރަމުން އަންނަ ކަމެކެވެ. ދިގު ދަތުރުތައް ކުރަން ބޭނުންވާ ބޯޓުތައް ހޯދަން އައިލެންޑް އޭވިއޭޝަނުން ވަނީ އިއުލާންކޮށްފަ އެވެ.