މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

މި މުއްދަތުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިފަ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު އެސްޓީއޯ އަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފަހު ތިން މަހުގެ އާމްދަނީ އަށް ވުރެ 12 ޕަސެންޓް އިތުރުވެފަ އެވެ. މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ ވިޔަފާރީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ތެލުގެ ވިޔަފާރި އާއި އެހެން ބައެއް ދާއިރާތަކުގެ ވިޔަފާރިތައް ވެސް ރަނގަޅުވެފައިވުމެވެ. އެ ގޮތުން އެސްޓީއޯ އަށް ލިބުނު އާމްދަނީގެ 83 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 3.7 ބިލިއަން ރުފިޔާ އަކީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އެވެ. އެ ނޫން ވިޔަފާރިތަކުން ލިބުނީ 763 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އަށް ލިބުނު އާމްދަނީން ވިޔަފާރި ކުރުމުގެ ހަރަދަށް 3.8 ބިލިއަން ރުފިޔާ ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 617 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީގެ ކުއާޓަރާ ބަލާއިރު 18 ޕަސެންޓުގެ ކުރިއެރުމެކެވެ. ޖުމްލަ ފައިދާގެ ތެރެއިން ޓެކްހަށާއި އެހެނިހެން ޚަރަދުތަކަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 195 މިލިއަން ރުފިޔާ ލިބިފަ އެވެ.