މި ސީޒަނަށް ފަހު ބަޔާން މިއުނިކް ދޫކޮށްލާނެ ކަމަށް، ތަޖުރިބާކާރު ޑިފެންޑަރު ޑޭވިޑް އަލަބާ ބުނެފި އެވެ.

ބަޔާން އަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުުންދާ އަލަބާ ދިޔައީ ބަޔާންއާއެކު ކޮންޓުރެކްޓް އާކުރުމަށް މަަޝްވަރާކުރަމުންނެވެ. އެކަމަކު ކޮންޓުރެކްޓް އާކުރުމަށް، ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވުމުން، އަލަބާ ވަނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.

"މިއީ ފަސޭހަ ނިންމުމެއް ނޫން،" އަލަބާ ،28، ބުންޏެވެ. "13 އަހަރު މި ކްލަބުގައި އަހަރެން ހޭދަކޮށްފިން. އެހެންވީމަ މިއީ ފަސޭހަ ނިންމުމެއް ނޫން."

ބަޔާނަށް މިހާތަނަށް 415 މެޗު ކުޅެ، 33 ލަނޑު ޖަހާފައިވާ އަލަބާ ވަނީ އެ ޓީމާއެކު 2013 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން، ޖަރުމަން ލީގު ނުވަ ފަހަރު އަދި ޖަރުމަން ކަޕް ހަ ފަހަރު ބަޔާނާއެކު އޭނާ ކާމިޔާބުކުރި އެވެ.

އަލަބާ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކާއި، ރެއާލް މެޑްރިޑުން ޝައުުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ. – ބީބީސި