މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރް ބޯޓު ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ރާއްޖެ އަންނާނެ ކަމަށް އެ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.

ފްރާންސްގެ ޓޫލޫޒް އިން ފުރައިގެން އަންނަ 42 މީހުންގެ ޖާގައިގެ މި ބޯޓަކީ ބްރޭންޑް ނިއު ބޯޓެކެވެ.

މިއަހަރުގެ ތެރޭގައި ދެ އޭޓީއާރް ރާއްޖެ ގެނެސް އެތެރޭގެ ވައިގެ ދަތުރުތައް ފުޅާކުރުމަށް އައިއޭއެސް އިން ވަނީ ނިންމާފަ އެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ އޭޓީއާރް ބޯޓެއް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ ގައެވެ. އެފަހަރު ގެނެސްފައި ވަނީ 72 މީހުންގެ ޖާގައިގެ ދެ ބޯޓެވެ. 42 މީހުންގެ ޖާގައިގެ އޭޓީއާރް މަރުކާގެ ތިންވަނަ ބޯޓު މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ ރާއްޖެ ގެނެސްފަ އެވެ.

އައިއޭއެސް އިން ގެންދަނީ ބޮއިން 787-8 މަރުކާގެ އެއާކްރާފްޓެއް ކުއްޔަށް ނެގުމަށް މަސައްކަތް ކުރަމުންނެވެ. އަދި ވައިޑް ބޮޑީ އެއާކްރާފްޓް ހޯދުމަށްވެސް އެ ކުންފުނިން މަސައްކަތް ކުރެ އެވެ. އެ ކުންފުނިން ބުނިގޮތުގައި އެއީ 250 ސީޓު ހިމެނޭނެ ބޯޓުތަކެއް ކަމަށެވެ.