މި އަހަރުގެ ހޮޓެލް އޭޝިއާ 2024 އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.

ހޮޓެލް އޭޝިއާއަކީ ރާއްޖޭގައި އިންތިޒާމްކޮށްގެން ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯ އެވެ. އެގޮތުން މިއަހަރު ކުރިއަށްދާނީ ހޮޓެލް އޭޝިއާގެ 18ވަނަ އެޑިޝަނެވެ. މިއަހަރުގެ އިވެންޓްގެ އެގްޒިބިޝަން ހަރަކާތް އޮންނާނީ 13 މެއި އިން 15 މެއިގެ ނިޔަލަށް ދަރުބާރުގެ އަދި އުސްފަސްގަނޑުގަ އެވެ. އަދި މި އިވެންޓްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށްދާނީ 12 މެއި އިން 15 މެއި ގެ ނިޔަލަށް ދަރުބާރުގެ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގަ އެވެ.

މިއަހަރުގެ އެގްޒިބިޝަންގައި ރާއްޖެ އަދި ރާއްޖެއިން ބޭރުން 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ އެވެ.

މީގެ އިތުރުން އާ އުފެއްދުންތައް ލޯންޗުކުރުމާއި ދައްކާލުން އަދި އެކި ވޯކްޝޮޕް ހަރަކާތްތައްވެސް އެގްޒިބިޝަންގެ ތެރެއިން ވަކި އިވެންޓްތަކުގެ ގޮތުގައި ކުރިއަށްދާނެ އެވެ. މިފަހަރުގެ ކަލިނަރީ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ޖަޖިން ޕެނަލަކާ އެކު 25 ކެޓަގަރީއަކުން 600 އަށް ވުރެ ގިނަ ދިވެހި އަދި ބައިނަލްއަގުވާމީ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިން ބައިވެރިވާނެ އެވެ.

މި އިވެންޓްގެ ސަބަބުން އެފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކްކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ މިފަދަ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށެވެ.