ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން ވަގުތީ އަމުރު ނެރުނީ ގޯސްކޮށް ނިންމައި, ސުޕްރީމް ކޯޓުން މިއަދު އެ އަމުރު ބާތިލްކޮށްފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ގުޅީފަޅު ހިއްކަން ހަވާލުކޮށްފައި ވަނިކޮށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި, އެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ބުނެ ހައި ކޯޓުން އެ މަޝްރޫއު މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރުނެވެ.

އެހެންކަމުން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައިވަނީ ގުޅިފަޅު ހިއްކުން ހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެއީ އެ މަސައްކަތް ބޮސްކާލިސް ކުންފުންޏާ އެކު ދައުލަތުން ވެފައިވާ އެއްބަސްވެފައިވާ ގޮތުން މަޝްރޫއު ހުއްޓާލައިފި ނަމަ އައިޑަލް ޗާޖަސްގެ ގޮތުގައި މަހަކަށް 11 މިލިއަން ޔޫރޯ (209 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭތީ ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާގެ އަދަދު ބޮޑުވެ، ދައުލަތަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަކީ ދާއިމީ ގެއްލުންތަކެއް ކަން މައްސަލަ ހުށަހެޅި ތިމަވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްގަފޫރުގެ ބަހުން ސާފު ނުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ހުކުމުގައިވަނީ ހައި ކޯޓުން ގުޅިފަޅު ހިއްކުން ހުއްޓުވަން ވަގުތީ އަމުރު ނެރެފައި އޮތީ އެފަދަ އަމުރުތައް ނެރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އެ އަމުރު ބާތިލްކުރާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ހައި ކޯޓުގެ އަމުރު ބާތިލް ކުރިއިރު، އެ ކޯޓުން މީގެ ކުރިން ވަނީ ހައި ކޯޓުގެ ހުކުމަށް އަމަލުނުކޮށް، ގުޅިފަޅު މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތަށް ވަގުތީ އަމުރެއް ވެސް ނެރެދީފަ އެވެ. އެ އަމުރުގެ ދަށުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ.

އެ މަޝްރޫއު ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާއަށް 65 ހެކްޓަރު ހިއްކާ ގޮތަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދެ އެވެ.