ރާއްޖޭގެ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރުމުން 10 މީހަކަށް އަލުން ވަޒީފާ ހަމަަޖއްސައިދިނުމާ އެކު، ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަހުގެ މުސާރަ ދޭން، ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަކާ އެކު ދައުލަތަށް ޖެހިއްޖެ އެވެ.

މި މައްސަލަ ކުރިމަތިވީ، ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލިއިރު، ވަކި އަދަދަކަށް މާކްސް ނުލިބުނު ކަމަށް ބުނެ 2020ގައި ވަޒީފާއިން ވަކިކުރުމުންނެވެ. އެގޮތުން، ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން، މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ.

މި މީހުން ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅީ 2021 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި އެ ތަނުން ނިންމި ނިންމުން ޖޭއެސްސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުންނެވެ. ނަމަވެސް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުގައި، 10 މީހުންގެ ތެރެއިން 9 މީހުން ސަލްޓަން ޗެމްބާސް އެލްއެލްޕީން ތަމްސީލުކުރި މައްސަލައިގައި ނިންމި ނިންމުމާ އެއްގޮތަށް އެ މީހުންނަށް ވަޒީފާ ދިނުމުގެ ބަދަލުގައި، ޖޭއެސްސީން ނިންމީ މައްސަލަ ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކުރާށެވެ.

ސަލްޓަން ޗެމްބާސް އެލްއެލްޕީގެ ވަކީލު އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ އަބްދުﷲ އަލީ 9 ފަރާތެއް ތަމްސީލްކުރެއްވިއިރު، ސުޕްރީމް ކޯޓުން ވެސް މިއަދު އެ މައްސަލައިގައި ނިންމީ ޖޭއެސްސީއާ ދެކޮޅަށެވެ. ތިން މަރުހަލާގެ އިސްތިއުނާފު މިއަދު ނިމުނުއިރު، މި މީހުންގެ މުސާރަ އާއި އިނާޔަތްތަކަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް އަރާނެ ކަމަށް ބެލެވެ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރަން ދައްކާފައިވާ ސަބަބަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަންކަމެއް ނޫން ކަމަށެވެ. އަދި މުވައްޒަފުން ދޫކޮށްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް މި މައްސަލާގައި އަމަލުކޮށްފައި ނެތް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރި އެވެ.

މިއަދު މި މައްސަލާގައި ސުޕްރީމް ކޯޓުން ވެސް ނިންމާފައިވަނީ ވަޒީފާއިން ވަކިކުރި އެޑްމިނިސްޓްރޭޓަރުންނަށް އަނބުރާ އަލުން ވަޒީފާ ދިނުމަށެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާ އިން ވަކި ކުރަން ދައްކާފައިވާ ސަބަބަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަންކަމެއް ނޫން ކަމަށާއި މުވައްޒަފުން ދޫކޮށްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް މި މައްސަލާގައި އަމަލުކޮށްފައި ނެތް ކަމަށެވެ.