ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގާއި ކުރީގެ ހައުސިން މިނިސްޓަރު އިބްރާހިމް ރަފީގާއި ކުރީގެ "ހަވީރު"ގެ އެޑިޓަރު ޑރ. އަލީ ރަފީގުގެ ބައްޕާފުޅު އަބްދުﷲ ރަފީގު (ރަފީގުބެ)، އިންޑިއާގެ ކޮޗިންގައި މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 93 އަހަރުގައި ރަފީގުބެ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ކޮޗިން އަށް ފަރުވާ ހޯއްދެވުމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ރަށްރަށުން މާލެ ގެނައި ކުދިންގެ ތެރޭގައި ހިމެނިގެން، މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލް ކުރެއްވުމަށް ފަހު، ރަފީގުބެ ނިންމެވީ އެނބުރި ފުވައްމުލަކަށް ވަޑައިގެން ޚިދުމަތް ކުރެއްވުމަށެވެ. މަޖީދިއްޔާގައި އުޅުއްވި އިރު ކުޅިވަރުގެ ރޮނގުން ފާހަގަކުރެވުނު ރަފީގުބެ އަކީ ފުވައްމުލަކުގައި ވެސް އިޖުތިމާއީ ޚިދުމަތްތެރިއެކެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރަފީގުބެ އުޅުއްވީ ވަރަށް ހަރަކާތްތެރިކޮށެވެ.

ފުވައްމުލަކުގެ މޭޔަރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި އިސްމާއިލް ރަފީގު އިންތިހާބުގެ ގުރުއަތު ނެގުމުގައި ބައިވެރިވަނީ.

ރަފީގުބެގެ ބޭފުޅުންނަކީ ފުވައްމުލަކުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވަރަށް ބޮޑެތި ޚިދުމަތްތެރިންނެވެ. އިސްމާއިލް އަކީ ފުވައްމުލަކުގެ މޭޔަރުގެ އިތުރުން، ކުރިން ދިރާގުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކުޅަދާނަ އެކައުންޓެންޓެކެވެ. ދިވެހިންގެ މެދުގައި މަޝްހޫރު އައިބޭ ވެބްސައިޓުގެ ބާނީ އަކީ ވެސް އިސްމާއިލް އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ރެއިންބޯގެ އެއް ހިއްސާދާރު އިބްރާހިމް ރަފީގަކީ ކުރީގެ ހައުސިން މިނިސްޓަރެވެ. އޭނާ އަކީ ހުޅުމާލޭގެ ތަސައްވަރު އެކުލަވާލި އެއް މޭސްތިރިޔާ އެވެ. ރަފީގުބޭގެ ބޭފުޅެއް ކަމަށްވާ ޑރ. އަލީ ރަފީގަކީ ދުވަހު ނޫސް "ހަވީރު"ގެ އެޑިޓަރެއްގެ ގޮތުން ގިނަ ދުވަހު މަސައްކަތް ކުރައްވައި ނޫސްވެރިކަމަށް ޓެކްނޮލޮޖީގެ ފަސޭހަތައް ތައާރަފް ކުރުމުގެ މުހިންމު އާރުކާޓީއެކެވެ. ނިއު ޒީލެންޑުގެ ރަށްވެހިކަން ވެސް އޮންނަ ޑރ. އަލީ އަކީ މިހާރު އަބޫ ދާބީ ނޭޝަނަލް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެކެވެ.

ދީނީ ތައުލީމު އުނގެނިވަޑައިގެން ހުންނެވި މުހައްމަދު ރަފީގު ޚިދުމަތް ކުރައްވަނީ ފުވައްމުލަކު ސްކޫލުގަ އެވެ. ހުސައިން ރަފީގާއި ނިޔާޒް ރަފީގު މަސައްކަތް ކުރައްވަނީ ފުވައްމުލަކު ދިރާގު ބްރާންޗުގަ އެވެ. އިލެކްޓްރިކަލް އިންޖިނޭރެއް ކަމަށްވާ އަހުމަދު ރަފީގަކީ ފުވައްމުލަކު ފެނަކަ އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ރާއްޖޭގެ ތައުލީމަށް ގިނަ ޚިދުމަތްތަކެއް ކުރައްވައި އެޑިއުކޭޝަން މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރުކަމުގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިން އަކީ ރަފީގުބެގެ އެއްބަނޑު އެއްބަފައި ކޮއްކޮއެކެވެ. ޒާހިރަކީ ހަވީރު ނޫހުގެ މަސްއޫލު ވެރިޔާ ވެސް މެ އެވެ. ދިވެހި ބޭހަށް މުޅި ރާއްޖެ އަށް މަޝްހޫރު ސޯލިހު ހުސައިން އަކީ ވެސް ރަފީގުބެގެ އެއްބަނޑުއެއްބަފައި ކޮއްކޮ އެކެވެ.

ރަފީގުބެ ވަނީ ޓީވީ މޯލްޑިވްސް އިން މީގެ އަހަރުތަކެއް ކުރިން ގެނެސްދިން މާމަ/ކާފަ އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ.