ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓަކުގެ ތެރޭގައި ގެދޮރުވެރިކަމާބެހޭ ކޮމިޓީއެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އުފެއްދުމަށް ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީން ބޭނުންވި ނަމަވެސް 20 ވަނަ މަޖިލިސް ފެށި ޖަލްސާގައި އެކަން ނުކުރެވުނީ ގެދޮރުވެރިކަމާބެހޭ އެކި ކަންކަމުގެ މެންޑޭޓް އޮތް ކޮމިޓީތައް މިހާރު ވެސް ހުރުމުން ކަމަށެވެ. ނަމަވެސް އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެއްދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އަންނަ ޖޫން މަސް ނިމޭއިރު އުފެއްދޭނެ ކަމަށެވެ. މި ކޮމިޓީއާ އެކު ގެދޮރުވެރިކަމާ ގުޅިގެން މީގެ ކުރިން ދިމާވެފައިހުރި މައްސަލަތަކަށް ޙައްލު ލިބިގެން ދާނެކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަށް ނިންމާފައިވާއިރު ރައީސް މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިއްޔެ ހުވާ ކުރެއްވިއިރު އެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 75 މެންބަރުންނަކީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނެވެ.

މަޖިލީހުން އިއްޔެ ނިންމީ މަޖިލީހުގެ އާންމު ކޮމިޓީތަކުގައި ޖުމްލަ 11 މެންބަރުން އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޖުމްލަ 13 މެންބަރުން ހިމެނުމަށެވެ.