ހެނދުނު ތެދުވެ ފެންވަރާލުމަށް ކޮންމެ މީހަކު ވެސް ބޭނުންވާނީ ތާފަނާ ފެނެވެ. ނަމަވެސް އެގަޑީގައި ބޭނުންކުރަން އެންމެ ރަނގަޅީ ތާފަނާ ފެންތޯ ނުވަތަ ފިނިފެންތޯ އަމިއްލައަށް ކަނޑައެޅުމުގެ ބަދަލުގައި ދިރާސާކޮށްލުން ވަރަށް މުހިންމެވެ.

ހޯދުންތަކުން ދައްކާގޮތުގައި ދެވައްތަރު ފެނުން ވެސް ފައިދާ ކުރެ އެވެ. ނަމަވެސް އެކި ހާލަތްތަކުގައި އެކި ފެނުންނެވެ. ދެވައްތަރު ފެނުން ވެސް ލިބޭ ފައިދާ އެނގިފައި އޮތުމަކީ ވަކި ފެނަކަށް ބަރޯސާވުން ކުޑަކޮށްދީ ދެ ފެނުން ވެސް މަންފާ ހޯދޭނެ ކަމެކެވެ.

ގިނަވަގުތު މަސައްކަތުގައި އުޅުމަށްފަހު ތާފަނާ ފެނުން ފެންވަރާލުމުން ހަށިގަނޑަށް ލުއިކަމެއް ގެނުވަދެ އެވެ. ލޭ ދައުރު ކޮށްދެ އެވެ. އޭގެ ސަބަބުން ނިދާލަން ފަސޭހަވެ އެވެ. އަރުދަފުސް ރޯގާ ޖެހިފައިވާނަމަ އަދި ނޭފަތް ބެދިފައިވާނަމަ، ތާފަނާ ފެނުން ފެން ވެރުމުން އެބައްޔަށް ލުޔެއް ލިބެ އެވެ. އާވި އަރާ ވަރަށް ފެން ހޫނުނަމަ އެއާވީގެ ސަބަބުން ނޭވާލާ ނިޒާމް ސާފުކޮށްދެ އެވެ. ތާފަނާ ފެނުން ފެންވަރާނަމަ ހަންގަޑު ސާފުކޮށްދިނުމަށް ވެސް އެހީވެދެ އެވެ. އެހެން ނަމަވެސް ތާފަނާ ފެނުން ފެންވެރުމުން ލިބޭ ގެއްލުންތަކެއް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ހަންގަޑު ހިކުމާއި، ގައި ހިރުވުމާއި، ލޭމައްޗަށް ދިއުމަކީ ދިމާވެދާނެ ނުރައްކާތަކެވެ.

ފިނިފެނުން ފެންވަރުމުން ހަންގަނޑަށް ފައިދާ ލިބޭ.

ހަމުގެ މައްސަލަތަކަށް ފިނިފެނުން ލުޔެއް ލިބޭ

ނިދާ ހޭލުމަށްފަހު ފިނި ފެނުން މޫނުދޮވެލުމުން ހަށިގަނޑަށް ފުރަތަމަ ލިބެނީ ޝޮކެކެވެ. އެއަށްފަހު ހަށިގަނޑަށް ގިނަ އަދަދަކަށް އޮކްސިޖަން ނަގައިދެ އެވެ. ހިތުގެ ހިނގުން އަވަސްވެ ސިކުނޑި ހެލައްވާލަ އެވެ. ކަންކަމަށް ދެވޭ ސަމާލުކަން އިތުރުވެ އެވެ. ވަގުތުން ނިދި ފިލުވާދެ އެވެ. ފިނިފެނުން ފެންވަރާނަމަ ތަފާތު ހިތްހަމަޖެހުމެއް ގެނެސްދެ އެވެ. އަދި ހަންގަނޑު ޑްރައިވުމުން (ހިކުމުން) ސަލާމަތްކޮށްދެ އެވެ. ގައި ހިރުވުމުން ދުރުކޮށްދެ އެވެ. އަދި އިސްތަށިގަނޑާއި ހަށިގަނޑުގައި އޮފެއް އުފައްދަ އެވެ.

ކަސްރަތު ކުރުމަށްފަހު ވެސް ފިނި ފެނުން ފެންވަރާ ނަމަ، ގައިގެ މަސްތަކަށް އަރާފައި ހުންނަ ބާރު ކުޑަކޮށްދެ އެވެ. އަދި ހުޅުތަކުގެ ރިހުމަށް ލުޔެއް ލިބެ އެވެ. ފިނިފެން ޖެހުމުން ހަށިގަނޑުގައިވާ ބްރައުން ފެޓްސް (ސަރުބީ) ވިރުވާލަ އެވެ. މި ބްރައުން ފެޓްސް އާންމުކޮށް ހުންނީ ކަރާއި ކޮނޑުގަ އެވެ.

ފިނިފެން ގަޔަށް އަޅާލުމާއެކު، ހަންގަނޑާއި ކައިރި ހިސާބުތަކުގައިވާ ކުދި ލޭހޮޅިތަކުގެ މަސައްކަތް ކުޑަ ސިކުންތު ކޮޅަކަށް ހުއްޓުމަކަށް ގެނެސް ހަށިގަނޑުގެ އެތެރޭގައިވާ ލޭހޮޅިތަކުގެ ލޭ ދައުރުވުން އިތުރުކޮށްދެ އެވެ. މިކަމަކީ ހިތުގެ ބަލިތަކާއި ލޭމައްޗަށް ދިއުމަށް މުހިންމު ފަރުވާއެކެވެ.

ފިނިފެނުން ފެންވެރުން ރަނގަޅު ނޫން ދެހާލަތަކީ ހަށިގަނޑު ފިނިވެފައިވާ ވަގުތުތަކާއި އަދި ބަލިވެ އުޅޭނަމަ އެވެ.