ކައިވެނީގެ ގުޅުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ވަފާތެރިކަމާއި، އިހްތިރާމާއި، އަދި އަޅާލުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ.

ނަމަވެސް، ގިނަ ފަހަރަށް ދެމަފިރިންނަށް ނޭނގި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން މި ގުޅުމަށް ބުރޫއަރައި، ހިތް ހަމަނުޖެހުންތައް އުފެދެން މެދުވެރިވެ އެވެ.

ނަފްސާނީ އަދި ކައިވެންޏާ ބެހޭ މާހިރުން ވަނީ ދެމަފިރިންނަށް ނޭނގި ކުރެވޭ މައިގަނޑު ފަސް ކުށެއް ފާހަގަކޮށް، އެ ކަންކަމުން ރައްކާތެރިވާނެ ގޮތްތައް ހިއްސާކޮށްފަ އެވެ.

1. ވާހަކަ ދެއްކުން މަދުވުން

ފުރަތަމަ ކަމަކީ، ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ މުވާސަލާތު ނުވަތަ ވާހަކަ ދެއްކުން މަދުވުމެވެ. ދިރިއުޅުމުގެ މަސްއޫލިއްޔަތުތައް ބޮޑުވުމުގެ ސަބަބުން އެކަކު އަނެކަކާ ވާހަކަ ދައްކަނީ ހަމައެކަނި ދިރިއުޅުމުގެ އާންމު ކަންކަމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، އިހުސާސްތައް ހިއްސާނުކޮށް ހިތުގައި ފޮރުވައިގެން އުޅުމަކީ ފަހުން ބޮޑެތި މައްސަލަތައް އުފެދޭ ކަމެކެވެ. މިކަން ހައްލު ކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ދެމަފިރިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށް، އަމިއްލަ އިހުސާސްތަކާއި ހިޔާލުތައް ހާމަކަން ބޮޑުގޮތެއްގައި ހިއްސާ ކުރުން މުހިންމެވެ.

2. އަގު ވަޒަން ނުކުރުން

ދެވަނަ ކަމަކީ، ބައިވެރިޔާ ކޮށްދޭ ކަންކަމުގެ އަގުވަޒަން ނުކުރުމެވެ. ދިގު މުއްދަތަކަށް އެކުގައި އުޅެން ފެށުމުން، ބައިވެރިޔާ ކޮށްދޭ ކަންކަމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމުގައި ދެކެން ފެށެ އެވެ. ނަމަވެސް، ކުދިކުދި ކަންކަމަށްވެސް ޝުކުރު އަދާ ކުރުމާއި ތައުރީފު ކުރުމަކީ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމެކެވެ.

3. ތިމާގެ ކޮޅު ގަދަ ކުރަން މަސައްކަތް ކުރުން

ތިންވަނަ ކަމަކީ، މައްސަލައެއް ޖެހޭ ހިނދު މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މޮޅުވާން މަސައްކަތް ކުރުމެވެ. ހިޔާލު ތަފާތުވުމެއް އުފެދޭ ވަގުތު އަމިއްލަ ނަފްސު ދިފާއުކޮށް، އަނެކާ ކުށްވެރި ކުރުމުގެ ބަދަލުގައި، ދެމަފިރިން އެކުވެގެން މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ ކައިވެނި ދެމެހެއްޓުމަށް އަސާސީ ކަމެކެވެ.

4. އަމިއްލަ ނަފްސަށް ދޭ ސަމާލުކަން ކުޑަވުން

ހަތަރުވަނަ ކަމަކީ، އަމިއްލަ ނަފްސަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމެވެ. ކައިވެންޏަށްފަހު އަމިއްލަ ސިއްހަތާއި، ޝައުގުވެރިވާ ކަންކަމަށް ސަމާލުކަން ނުދެވޭ ނަމަ، ދިރިއުޅުމުގެ ހަމަޖެހުން ގެއްލިގެންދެ އެވެ. ދެމަފިރިންވެސް އަމިއްލަ ނަފްސުގެ އުފަލާއި ސިއްހަތަށް ސަމާލުކަން ދިނުމަކީ ގުޅުމަށް ލިބޭނެ ދިރުމެކެވެ.

5. ލޯތްބާއި އޯގާތެރިކަން އިސް ނުކުރުން

އެންމެ ފަހު ކަމަކީ، ލޯބިއާއި އޯގާތެރިކަން އިސް ނުކުރުމެވެ. ކައިވެނީގެ ކުރީކޮޅު އޮންނަ ލޯބިއާއި ކުޅުނުކަން އާދައިގެ ކަމަކަށް ވިޔަނުދީ، ދެމަފިރިންގެ ދެމެދުގައި އޮންނަ އިހުސާސްތައް ދިރުވައި އާލާ ކުރުމަށް ހާއްސަ ވަގުތުތައް ހޯދުމަކީ ކައިވެނި އުފާވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެ މުހިންމު އެއް ފިޔަވަޅެވެ.