އއ. ތޮއްޑޫގައި ކުރިއަށް ދިޔަ މުޒާހަރާއެއް ހުއްޓުވަން އުޅުނު ފުލުހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މެންދުރު ފަހު، 1 ޖަހާކަން ހާއިރު ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރަމުން ދިއުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގާ އުކަމުންދާތީ އާއި މަސްލަހަތު ގެއްލުމާލުމަށް މަސައްކަތްކުރަމުންދާ ދާތީ އެގޮތަށް އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތްތެރިވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެފުލުސް މީހާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށްވެ އެވެ.

ތޮއްޑޫގެ ރައްޔިތުންތަކެއް އެ ރަށު ކައުންސިލް އިދާރާ ކައިރި އަށް އެއްވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.

އެކަމަކު، ތޮއްޑޫގެ ގޮއިބިން ހިމެނޭ ސަރަހައްދުން ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ ތިން މަސްވެގެން ދިޔައިރުވެސް ކައުންސިލުން ބިންތައް ދޫކޮށްފައި ނުވާ ކަމަށް ބުނެ މީގެ ދެ ދުވަސް ކުރިން ކައުންސިލް އިދާރާ ކައިރި އަށް ބަޔަކު އެއްވި އެވެ.