މި އަހަރު ފެށިގެން ހަ މަސް ދުވަސްވީއިރު ބޮލީވުޑުގެ އެކްޓްރެސް ކްރިތީ ސެނަން ވަނީ ކާމިޔާބު ދެ ފިލްމެއް ކުޅެފަ އެވެ. އެއީ "ތޭރީ ބާތޯންމޭ އުލްޖާ ޖިއާ"އާއި "ކްރޫ"އެވެ. އެއާއެކު އޭނާ ވެފައިވަނީ މިއަހަރު ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ތަރި އަށެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކްރިތީ ވަނީ ބޮލީވުޑްގައި އޭނާއަށް މިހާރު ލިބެމުން އަންނަ ކާމިޔާބީތަކުގެ ސިއްރު ހިއްސާކޮށްފަ އެވެ.

ކްރިތީ ބުނެފައިވަނީ ބޮލީވުޑުގައި ހޭދަވި 10 އަހަރުގެ ތެރޭގައި ކުރިމަތިވި އުސްގަނޑުތަކާއި އަޑިގަނޑުތަކުގެ ތެރެއިން އޭނާގެ މަގްސަދަކަށް ވެފައިވާނީ ދެގޮތެއް ނުވެ އޭނާގެ މަސައްކަތުގައި ދެމިހުރުން ކަމަށެވެ.

އެގޮތުގެ މަތިން ފުރުސަތުތައް ލިބެން ފެށި ކަމަށާއި 10 އަހަރުގެ ތެރޭގައި މިހާރު އާދެވިފައި ހުރި ހިސާބަށް އާދެވުނީ ކަމަށް ކްރިތީ ބުންޏެވެ.

ކެމެރާ ކުރިމަތީގައި ހަރަކާތްތެރިވުމުގެ އިތުރުން ވެސް ކްރިތީ މިހާރު އަންނަނީ އޭނާގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރަމުންނެވެ. އެގޮތުން މިއަހަރު އޭނާ އެންމެ ފުރަތަމަ ޕްރޮޑިއުސްކުރާ ފިލްމު "ދޯ ޕައްޓީ" ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

ކެމެރާ ކުރިމަތީގައި ގިނަ ކާމިޔާބީތަކެއް ހޯދި ފަދައިން ކެމެރާގެ ފުރަގަހުން ވެސް ކްރިތީއަކީ ކާމިޔާބު ތަރިއަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.