އެންޒައިޓީ އަކީ ދިރިއުޅުމުގެ ކޮންމެސް ހިސާބެއްގައި ކޮންމެ މީހަކަށް ވެސް ތަޖުރިބާ ކުރަންޖެހިދާނެ ކަމެކެވެ. މިގޮތުން، އަހަރެމެންގެ އާއްމު ދިރިއުޅުމުގައި ނުވަތަ ހާލަތެއް ނިއާކުރާ ގޮތަކުން، ނުރައްކާތެރި ކަމަކާ ނުވަތަ ހާލަތަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ، އެކަމާ ސްރެސްވެ ނުވަތަ، ހާސްވެ ކަންބޮޑުވާ ގޮތްވެ އެވެ.

އެންޒައިޓީ އަކީ އެހާސްކަން އަހަރެމެންނަށް އިހްސާސްވިކަމުގެ އިޝާރާތެކެވެ. އެހެންކަމުން، އޭގެ ޒާތުގައި މުހިންމު ދައުރެއް އެންޒައިޓީ އަދާކުރެ އެވެ. މިގޮތުން، އެންޒައިޓީގައި ހިތާއި މަސްތަކަށް ލޭ ދައުރުވުން އިތުރުވުން ފަދަ ޖިސްމާނީ ތަފާތު ބަދަލުތަކުގެ ސަބަބުން އަހަރެމެންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކާ ކުރިމަތިލުމަށް މަގުފަހިކުރުވާ ހަކަތަ އާއި ބާރު ހަށިގަނޑަށް ފޯރުކޮށްދެ އެވެ.

އެހެންނަމަވެސް، ބައެއް ހާލަތްތަކުގައި އެންޒައިޓީގެ ސަބަބުން ނަފްސާނީ ބައްޔަކަށް މަގުފަހިވެގެންދާ ގޮތްވެ އެވެ. މިގޮތުން، އާންމުކޮށް ދިމާވާ އެންޒައިޓީ އާއި ޚިލާފަށް އެންޒައިޓީ ޑިސްއޯޑާއެއް ދެނެގަންނާނެ ބައެއް ކަންކަމުގެ ތެރޭގައި، ކެނޑިނޭޅި ތިމާއަށް ކުރެވޭ އިހުސާސްތައް ހިތުން ފިލުވާލަން އުނދަގޫވެ އެވެ. އަދި، ތިމާއަށް ނުފެންނަ ނުވަތަ ދިމާވެދާނެ ނުރައްކަލަކާ މެދު ވަރަށް ފުންކޮށް ވިސްނާ ފިކުރުކުރެވޭ ގޮތްވާ ފަހަރު ވެސް އާދެ އެވެ. އޭގެ ސަބަބުން، އާންމު ދިރިއުޅުމުގެ މަސަކައްކަތްތަކަށް ބުރޫއަރާ ކަންކަން ކުރުމަށް ހުރަހަކަށް ވެގެންދެ އެވެ.

މިގޮތުން ބައެއް އާބާދީތަކުގައި އެންޒައިޓީ ޑިސްއޯޑާގެ މިންވަރު އެހެން އާބާދީތަކަށްވުރެ ބޮޑުކަމަށް ސަފާސް ހިސާބާ ގުޅޭ ދިރާސާއަކުން ދައްކަ އެވެ. މިގޮތުން، ފިރިހެނުންނާއި އަޅާބަލާއިރު، އަންހެނުންގެ މި ނިސްބަތް ވަނީ 2:1 ގަ އެވެ. ހަމައެއާއެކު، ކުޑަކުދިންނާއި، ފުރާވަރު ކުދިންގެ މެދުގައި އެންޒައިޓީ ޑިސްއޯޑާއަށް ދެވޭ ފަރުވާ އާއި އަހައްމިޔަތުކަން ކުޑަކަން ވެސް ދިރާސާތަކުން ހާމަވެ އެވެ. އަދި، މި ޑިސްއޯޑާއަށް އެދެވޭ ގޮތެއްގައި ފަރުވާ ލިބިގަނެވެނީ ވެސް މަދު ކުއްޖަކަށް ކަންވެސް ފާހަގަކޮށްފަވެ އެވެ.

އެހެންކަމުން، އާއްމުކޮށް ދިމާވާ އެންޒައިޓީ އެއް ނުވަތަ އެންޒައިޓީ ޑިސްއޯޑާއެއްކަން ޔަގީން ނުވާނަމަ އެކަން ރަނގަޅަށް ދެނެގަތުމަކީ މުހިންމުކަމެކެވެ. ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މި ޑިސްއޯޑާ ދެނެގަތުމުގެ މުހިންމުކަން ބޮޑުކަން ފާހަގަކުރެވެ އެވެ. އެއީ ތައުލީމާއި، އިޖްތިމާޢީ އަދި ސިއްޙަތަށް އޭގެ ނޭދެވޭ އަސަރުކޮށް، ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އޮވެމެ، އޭގެ ސަބަބުން އެހެނިހެން ނަފްސާނީ ބަލިތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށްޓަކަ އެވެ.

މިގޮތުން، ސެޓިފައިޑް ތެރަޕިސްޓެއްގެ އެހީތެރިކަމާއި އެކު އެންޒައިޓީ މެނޭޖްކުރުމުން، އެންޒައިޓީ އުފެދޭ ހާލަތްތައް ތިމާއަށް ދެނެގަނެވި، އެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ އެވެ. ހަމަ އެއާއުކު، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ވެސް ފައިދާ ކުރާނެއެވެ. މިގޮތުން، ދިރިއުޅުމުގެ ކަންކަން ވީހާވެސް ބޮޑަށް ރާވާލައި، ކަސްރަތު ކުރުމާއި، އެކަށީގެންވާ ވަރަކަށް ނިދި ހޯދުމާއި، ކެފެއިން މަދުކުރުމަކީ ވެސް އެންޒައިޓީގެ އަލާމާތްތައް ކުޑަކޮށްދޭނެ ކަންކަމެވެ. ހަމަ އެއާއި އެކު، އެންޒައިޓީ ޑިސްއޯޑާ މަގުފަހިވުމުގެ ފުރުސަތު ކުޑަވާނެ އެވެ.

އެޑިޓަރުގެ ނޯޓް: މި އާޓިކަލް ލިޔުއްވި އާމިނަތު ލައިލާއަކީ ސެޓިފައިޑް ކްލިނިކަލް ހިޕްނޮތެރަޕިސްޓެކެވެ.