މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށް ބުނެ އައްޑޫ ސިޓީ ހުޅުމީދޫގައި މަސްވެރިންތަކެއް މުޒާހަރާ ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މަސްވެރިންގެ އެ މުޒާހަރާ މިއަދު 12 ޖަހަންދެން ކުރިއަށް ދާނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ. އެ މުޒާހަރާގައި 80 މަސްވެރިން ބައިވެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މުޒާހަރާއާ ގުޅިގެން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މަސް ފެކްޓަރީގެ ހުރިހާ ސީނިއާ މުވައްޒަފުން ފެކްޓްރީން ބޭރުކޮށް މަސް ކެއްކުމަށް ހުރަސް އަޅާނެ ކަަމަށް މަސްވެރިން ބުނެފައިވެ އެވެ.

މަސް ކިރައިގެން ފައިސާ ނުލިބޭތީ އިއްޔެ ހަވީރު ވެސް އެތަނުގައި މަސްވެރިން މުޒާހަރާކުރި އެވެ.

މަސްވެރިންނަަށް ފައިސާ ނުލިބި އޮތް މައްސަލާގައި މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މަސްވެރިންނަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުދީ އެބައޮތެވެ. އެ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ މިފްކޯ އިން މިދިޔަ ހަފްތާގައި ވަނީ ދީފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށެވެ. އެކަމަކު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނާއި މިފްކޯގެ މާލީ ހާލަތު ރަނގަޅު ނުކޮށް އެފަދަ ވައުދުތައް ފުއްދަން އުނދަގޫ ވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މަސްވެރިންނަށް 280 މިލިއަން ރުފިޔާ ނުދީ އޮތެވެ. އެކަމަކު، އެ ފައިސާ އާ އެކުގައި ހަ މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވެ އެވެ.