މެނިންގޯކޮކަލް ބަލީގައި މިއަދު ނިޔާވި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ.

ބަކާގެ ކަށުނަމާދު އޮންނާނީ ފަތިސް ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. ވަޅުލުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ސަހަރާގަ އެވެ.

ހައްޖަށް ގޮސް އުޅެނިކޮށް ގަދައަށް ހުން އައުމަށްފަހު އޭނާގެ ހާލު ސީރިއަސްވީ އެވެ. އެހެންވެ މާލެ އައިތަނާ އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އުމުރުން 38 އަހަރުގެ ބަކާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއްކަމުގައި ވިދާޅުވެފައިވެ އެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވައި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުއާ ކުރައްވާފައިވެ އެވެ.