ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ ލާޒިއޯ އަތުން 4-1 އިން ރަށުން ބޭރުގައި މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓުގައި ބަޔާނަށް ލީޑު ހޯދައިދިނީ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 72 ވަނަ ލަނޑެވެ.

ބަޔާންގެ ދެވަނަ ލަނޑު 24 ވަނަ މިނިޓުގައި ޖެހީ ޒުވާން ކުޅުންތެރިއާ ޖަމާޅް މުސިއާލާ އެވެ. މި ލަނޑާއެކު، އުމުރުން 17 އަހަރުގެ މުސިއާލާ ވެގެންދިޔައީ ޗެމްޕިއަންސް ލީގުގައި ބަޔާނަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިއާއަށެވެ.

ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ ލީރޯއީ ސާނޭ އެވެ. އަދި ހަތަރު ވަނަ ލަނޑަކީ ލާޒިއޯގެ ޖަކީން ކޮރެއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.