ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ މީހުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ފުލޫ ކުލިނިކެއް ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފުލޫ ކުލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ދޭނެ ކަމަށެވެ.

އެ ކްލިނިކް ހުޅުވައިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00އިން ރޭގަނޑު 20:00އަށެވެ. ކްލިނިކު ހުންނާނީ އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10ގައި އެވެ.

މެނިންޖައިޓިސްގެ ވައްތަރެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ހައްޖުވެރިންނަށް ޖެހިފައިވާ ކަމުގެ ފުރުސަތު އެބައޮތެވެ. އެ ބަލީގައި ރާއްޖޭގެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އިއްޔެ ވަނީ ނިޔާވެފަ އެވެ. އޭނާ ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައިތާ އަދި މާގިނަ ދުވަހެއް ނުވެ އެވެ.

ހައްޖަށް ދިޔަ އެއްވެސް މީހެއްގެ ފަރާތުން ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ބައްޔަކީ މެނަންޖައިޓިސް ނަމަކަށް ކިޔާ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. ފުރާނައަށް ނުރައްކާވާ މި ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ބަލީގެ އަލާމާތްތައް ބަލި ޖެހޭތާ 10 ދުވަސްވުމުގެ ކުރިން ފެންނާނެ އެވެ.