ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާހިމް އަޝްރަފް ވިދާޅުވީ ކޭސް ފެނުމާ ގުޅިގެން އެޗްޕީއޭއިން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އޮންނަ މިންގަނޑާ އެއްގޮތަށް ކޮންޓެކްޓް ޓްރޭސިން ހަދާ، އެ ކޭސްއާއި ގުޅުންހުރި ހުރިހާ ކޮންޓެކްޓުން މިހާރު ދެނެގަނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެބަލީގެ ބެކްޓީރިއާ ފެތުރުނަ ނުދިނުމަށް ދޭ އެންޓިބައޮޓިކް ޕްރޮފެލެކްޓިކް ބޭސް ދީ ބަލި ފެތުރުމަށް އޮތް ފުރުސަތު ނައްތާލާފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"މި ކޭސްއާ ގުޅިގެން ސާޅީސްހަ ކޮންޓެކްޓުން އައިޑެންޓިފައި ކުރެވިފައި ވަނީ. އިތުރު ނުވާނެކަމަށް ލަފާކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ މިބަލީގެ ބޭހާއި ވެކްސިނަކީ އާއްމުކޮށް ހުޅުވާލައިގެން ދޭ ބޭހެއް ނޫން ކަމަށެވެ. އަދި ބޭސް ދޭނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުންނާއި އަދި އެކަމަށް ޑޮކްޓަރުން އިރުޝާދުދޭ މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބައްޔާ ގުޅޭގޮތުން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ މިބަލީގައި ބޮޑުވަރުވާ ކޭސްތައް ނިސްބަތުން މަދު ކަމަށެވެ. އެގޮތުން ބަލީގެ ބޮޑެތި އަލާމާތްތައް ފެންނަނީ ބަލި ޖެހޭ 100 މީހުންގެ ތެރެއިން ގާތްގަނޑަކަށް 10 މީހުންގެ ކަމަށް މުރާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބައްޔަކީ އާއްމު ރޯގާތަކަށް ވުރެ، އަވަހަށް ފެތުރުމުގެ ފުރުޞަތު ވަރަށް ކުޑަ ބައްޔެއް ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ހަށިގަނޑުގައި ހުންނާނެ ކަމަށް ބެލެވެނީ 7 ދުވަހާ 10 ދުވަހާ ދެމެދުގެ މުއްދަތަށް ކަމަށެވެ. ނަމަވެސް އެންޓިބައޮޓިކާއި ވެކްސިން ޖެހުމުގެ ސަބަބުން ބެކްޓީރިއާ އަވަހަށް މަރާލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވައިރަހަކަށްވުރެ ބެކްޓީރިއާ ޖަރާސީމު ފެތުރިގެންދާ ފުރުޞަތު ވަރަށް ކުޑަ. ވަރަށް ކައިރި ކޮންޓެކްޓުންނަށް ޖެހުމުގެ ފުރުޞަތު އޮންނަނީ. އަދި ވައިގެ ތެރޭގައި މިބެކްޓީރިއާ ހުންނަ ވަގުތު ވެސް ވަރަށް ކުޑަ." އެތެރެހަށީގެ ޑޮކްޓަރު ވިދާޅުވި އެވެ.

ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް މި ބަލީގައި މަރުވުމާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުން، ބަލި ނުފެތުރޭނެ ގޮތަށް ދީފައިވާ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ޙައްޖުން އަންނަ މީހުންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި މިހާރު ވަނީ ޚާއްސަކޮށް ފްލޫ ކްލިނިކެއް ވެސް ހުޅުވާފަ އެވެ.

މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ބޮލުގައި ރިއްސުން، މޭނުބައިކޮށް ހޮޑުލެވުން، ވާނުވާ ނޭނގުން އަދި ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ޖެހުންފަދަ އަލާމާތްތައް ހިމެނެ އެވެ. އެހެންކަމުން މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.