ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި 4000 ފްލެޓްގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށާއި އެ ފްލެޓްތައް ލިބޭނީ ހައްގުވެރީންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހައިދަރު މިއަދު ހަވީރު ވަނީ ބައެއް ފްލެޓްތަކަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާފަ އެވެ.

މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރިއަށްދާ ސްޕީޑް ނޫސްވެރިންނަށް ވެސް މިއަދު ފެނިފައިވާނެ ކަމަށާއި ކުރިއަށްވުރެ މަސައްކަތުގެ ދުވެލި އަވަސްވާނެ ކަމަށެވެ.

އެމްޑީޕީ ސަރުކާރުން ހުޅުމާލޭގައި އަޅަން ފަށާފައިވާ ފްލެޓްތައް ހިމެނޭ ޓަވަރެއް ---

ހައިދަރު ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސޯދީ ދަތި ކަމާއެކު ވެސް އެއްވެސް ހުއްޓުމެއް ނެތި އެ މަސައްކަތް ކުރިއަށްގެންދަން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ކުންފުނިތަށް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފްލެޓްގެ މައްސަލަތައް ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށާއި ފްލެޓްތައް ނިމެންވާއިރަށް އެ ކޮމިޓީގެ މަސައްކަތް ވެސް ނިމޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ކޮމިޓީގެ މަސައްކަތްތައް ނިމޭނެ،" ހައިދަރު ވިދާޅުވި އެވެ.

އޭނާ ދޭނެ ޔަގީންކަމަކީ ހައްގުވެރީން ނޫން ބަޔަކަށް އެ ފްލެޓްތައް ނުލިބޭނެ ކަން ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީ ސަރުކާރުން އަޅަން ފެށި ފްލެޓްތައް ހިމެނޭ ބައެއް ޓަވަރުތަކުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ. އަދި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ އަށް ޓަވަރުގެ މަސައްކަތް ނިމޭނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.