އިމާރާތްތަކުގައި ކުރާ ފިނިޝިން މަސައްކަތުގެ ބޭނުމަކީ ކޮންކްރީޓާއި، ރޭނުމާއި، ސިމެންތި ޖަހައި ނިންމާލާފައިވާ އިމާރާތްތަކުގައި ހުންނަ އައިބުފިލުވައި، މީހުންގެ ލޯތަކަށް ހިތްގައިމު ފިނިޝިންއެއް ދައްކާލުމުގެ އިތުރުން، ކްރެކް އަޅާ ފެންލީކުވުން ކަހަލަ މުހިންމު ކަންތައްތަކުން އިމާރާތް ސަލާމަތް ކުރުގެ މަސައްކަތް އޭނާ ކުރެ އެވެ. ރަނގަޅު ފިނިޝިންއެއް ހެދިއްޖެނަމަ ރީތިކޮށް ގެއްލުމެއް ނުލިބި، އިމާރާތް ދިގުމުއްދަތަކަށް ބެހެއްޓޭނެ އެވެ. ފިނިޝިން މަސައްކަތް ކުރާ މީހަކީ ކުރެހުންތެރިއެއްނަމަ އެއިމަރާތަށް އިތުރު ހިތްގައިމުކަން ގެނުވަ އެވެ. އެ މަސައްކަތް ކުރާ މީހަކީ ކުރެހުންތެރިއެއް ނޫން ނަމަ ބައެއްފަހަރު އެކަމުގެ ތެރޭން ކުރެހުމުގެ ފަންނަށް ހިތްޖައްސަ އެވެ. ކުރެހުންތެރިއަކަށް ބަދަލުކޮށްލާ ފަހަރު ވެސް އާދެ އެވެ.
ނ. ވެލިދޫއަށް އުފަން އަބްދުﷲ އިސްމާއިލް (ރިކީ) އަކީ ހުނަރުން ފުރިގެންވާ މީހެކެވެ. އޭނާ އިލެކްޓްރޯނިކްސް އެއްޗެހި ރޫޅާ ހަދަ އެވެ. ޅެންބައިތު ހަދަ އެވެ. ވާހަކަ ލިޔެ އެވެ. އަތްތެރި މަސައްކަތް ކުރެ އެވެ. އޭނާ އަކީ ފިނިޝިންގެ މަސައްކަތް ކުރުމުގެ ތެރޭން މޮޅު ކުރެހުންތެރިއަކަށް ބަދަލުވި ހުނަރުވެރި ގާބިލު މީހެކެވެ. މީހުންނާ ގުޅޭ އަދި ހިތްތިރި ރިކީ، ދެކޭ ގޮތުގައި ބުއްދީގެ ބޭނުންކޮށްގެން ހިތްވަރާއެކީ މަސައްކަތް ކޮށްފި ނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ އެވެ.
ރިކީގެ ތަގުދީރު ބަދަލުވެގެންދިޔައީ ފުރަތަމަ މާލެ ފޭބި ހިސާބުން
އޭނާ ފުރަތަމަ މާލެ އައީ އުމުރުން އެންމެ 12 އަހަރުގަ އެވެ. ކަން ދިމާވިގޮތުން މާލެ އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާނަބަސަންދު ޖެހި، އޭރު ދިރިއުޅެމުން އައިގެއިން ނިކުންނަށް މަޖުބޫރުވި އެވެ. މާލޭގައި ހުންނާނެ އިތުރު އެއްވެސް ތަނެއް އޭރު އޭނާއަކަށް ނޭނގެ އެވެ. ފާނަބަސަންދުގެ ފޮޅުތަކާއި ގަދަހުމާއެކު، އެހާލުގައި ހުރެ އޭނާ މިސްރާބު ޖެހީ ރަށަށް ދިއުމަށް ދޯންޏަކަށް އެރޭތޯ އެވެ. ނަމަވެސް ބަނދަރު އޮންނަ ދިމާ ވެސް ނޭނގޭ ރިކީ، ކުރިއަށް ހިގަނމުން ދެވުނީ މާފަންނު މާވެޔޮމަގަށެވެ. އެމަގުގައި ހުރި ބޯގަންވިލާ ގަހެއްގެ ހިޔަލުގައި ހުއްޓައި އެނާގެ ހާލަށް އިހްސާންތެރިވީ، އެމަގުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ދޮށީ އުމުރުގެ އަންހެނެކެވެ.
"އަޅުގަނޑު އޭރު ހުރީ ތަންދޮރު ވެސް ވަކިނުވާ ވަރަށް ހުންގަދަވެފައި. ވަރަށް ގައިގަ ވެސް ރިހޭ އޭރު. އެއަންހެން މީހާ އަޅުގަނޑު އޭނާގެ ގެއަށްގެން ގޮސް ބެލީ،" ރިކީ ކިޔައިދިނެވެ.
އޭ ގޭގައި ކިޔެވުމުގެ އެއްވެސް ފުރުސަތެއް ނުލިބެ އެވެ. ގިނަ ވަގުތު ހޭދަކުރަނީ އެގޭ މީހުން ބުނާ މަސައްކަތް ކޮށްދިނުމުގަ އެވެ. ދުރުގޭގެއަށް އެއްޗެހި އުފުލުމަކީ ވަރަށް ގިނައިން ކުރަންޖެހުނު މަސައްކަތެކެވެ. ނަމަވެސް އެ މަސައްކަތް ވީ އޭނާއަށް ދިމާވި ހެޔޮފާލަކަށެވެ. އެގޮތުން ގޭގެއަށް އެއްޗެހި ގެންދިޔުމުގެ ތެރޭގައި، އޭނާއަށް މަގުމަތިން ސިފައިންގެ މީހަކާ ދިމާވި އެވެ. އެމީހާގެ އެހީގައި ސިފައިންގެއިން ވަޒީފާ އެއް ހަމަޖެހުނެވެ.
ސިފައިންގެއިން ރަނގަޅު ތަރުބިއްޔަތެއް ލިބުނު
ފުރަތަމަ އަދާކުރީ ސިފައިންގޭގެ މަސައްކަތު މީހެއްގެ ވަޒީފާ އެވެ. އެ މަސައްކަތަށް ރަނގަޅުވުމުން މިލިޓަރީބަޔަށް ބަދަލުކޮށް، ވަރުގަދަ ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބުނެވެ. ސިފައިންގެ ވަޒީފާގައި ހޭދަކުރި 12 އަހަރުގެ ތެރޭގައި، އެކިކަހަލަ ގިނަ ތަމްރީނުތަކާއި ތަޖުރިބާތައް އަދި އެކި ކާމިޔާބީތައް ވެސް އޭނާއަށް ލިބިފައިވެ އެވެ.
ސިފައިންގެ ވަޒީފާގައި އުޅުމުން ގައުމީ ޖޯޝު ހިތު ތެރޭގައި އަށަގަތެވެ. އެކި މިޒާޖުގެ މީހުންނާ ގުޅިގެން އުޅެން ދަސްވި އެވެ. ރީތި އަޚުލާގު ދަސްވި އެވެ. ދީނީ ކަންކަމަށް ހޭލުންތެރިވި އެވެ. އޭގެ އިތުރުން ލީޑަޝިޕްގެ ހުނަރުތަކާއި، ސްޕެޝަލް ޓާސްފޯސް ޓްރެއިނިން، އަދި ރައީސުލްޖުމްހޫރިއްޔާގެ ކްލޯޒް ޕްރޮޓެކްޝަން(ސީޕީ) އެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބިގެން ދިޔަ އެވެ. މިލިޓަރީ ސައިޑުން ދެވެން އޮންނަ އެންމެ މައްޗައް ދެވިފައި ހުއްޓައި ރިކީ ބޭނުންވީ، ސިފައިންގެ ހަޔާތުގައި ލިބުނު ހިކުމަތާއި، ހުނަރާއި، އަދި އަހުލާގީ މިންގަނޑުތަކެއްގައި ހުރެ، ގައުމަށާއި ދިވެހި ރައްޔިތުންނަށް މުހިންމު ޚިދުމަތެއް ކޮށްދީ، އަމިއްލަ ފުދުންތެރިކަމަށް ވެސް އެކަށީގެންވާ ކުރިއެރުމެއް ލިބޭނެކަމުގެ އުންމީދުގައި ކުރިއަށްދާށެވެ.
"ކެނޑެންވެގެން އުޅުނީމަ ބައެއް އޮފިސަރުން ވިދާޅުވި 8 އަހަރު ވަންދެން ތިހާ އިއްޒަތްތެރި މަގާމެއްގައި ހުރެފަ އަސްލު ރިކީ ސިފައިންގެއިން ތިވަކިވަނީ ކީއްކުރަންހޭ،" ރިކީ ބުންޏެވެ.
ދެއްކި ހުނަރުން ސިގްމާ ޕެއިޓްގެ ކްރިއޭޓިވް ކޮންސްލްޓަންޓް ކަން ލިބުނު
ސިފައިންގެއިން ވަކިވުމަށްފަހު، އަދާކުރީ އަމިން ކޮންސްޓްރަކްޝަންގެ ސައިޓް ސުޕްވައިޒާ ޓްރެއިނީއެއްގެ ވަޒީފާ އެވެ. އެ ދުވަސްވަރު އެވަޒީފާގައި ހުއްޓައި އެތަނަށް ގެނައި ސާމްޕަލް ޕެއިންޓެއް، ސްޓަޑީކުރުމުގައި އޭނާއަށް އުޅެން ޖެހުނެވެ. ކުރަން ޖެހުނު ކަމަކީ ލަކުޑީގަ އާއި ގަލުގައި، އެކުލަ ލައިގެން އޭގެ ދުވަސް ހަމަވާއިރު އަންނަ ބަދަލުތައް ދެނެގަތުމުގެ މަސައްކަތެވެ. އަދި ރާއްޖޭގެ މާހައުލަށް އެކުލަ ފެތޭތޯ ބަލައި، ރާއްޖޭގައި ގެންގުޅޭ ހުރިހާ ބްރޭޑެއްގެ ޕެއިންޓެއް ނަގައިގެން، ވަކިވަކިން ދަސްކުރުމެވެ. ރިކީ އެ މައްސައްކަތުގައި ދެއްކި ގާބިލްކަމުގެ ސަބަބުން ސިގްމާ ކުންފުނިން ވަނީ އޭނާއަށް މިސަރަހައްދުގެ ދުނިޔޭގެ އެއްވަނަ ސިގްމާ ޕެއިޓް ޑެކަރޭޓިވް ކޮންސަލްޓަންޓް މަގާމު ދީފަ އެވެ.
ލިބުނު އިލްމު ބޭނުކޮށް މިއަދު އަމިއްލަ ކުންފުންޏެއްގެ ވެރިއެއް
ސިފައިންގެ އިން ވަކިވިއިރު އޭނާ ވަނީ ވަރަށް ރަނގަޅަށް ރެޕްލިން (ވަލެއްގައި އެލިގެން ބިލްޑިންތަކުން އަރައި ފޭބުން) ދަސްކޮށްފަ އެވެ. ދެން އޭނަ ބެލީ އެ ހުނަރު ބޭނުންކޮށްގެން ކުރެވޭނެ މަސައްކަތަކާ ދޭތެރޭގަ އެވެ. ވިސްނަމުންދަނިކޮށް ފިނިޝިން މަސައްކަތަކީ ނުރައްކާތެރި އެހެން ނަމަވެސް ރާއްޖެ ފަދަ އަބަދުވެސް ގެދޮރު އިމާރާތް ކުރާތަނެއްގައި، ހުއްޓުމެއް ނިމުމެއް އޮތްކަމެއް ނޫން ކަމަށް އޭނާއަށް ވިސްނުނެވެ. ދެން ކުރަން ފެށީ އެ މަސައްކަތެވެ. އެ މަސައްކަތަށް ރިކީ ވަރަށް މޮޅުކަން އެހެން މީހުންނަށް ފާހަގަވި އެވެ. ބޮޑެތި ކުންފުނިތަކުން އޭނާގެ މަސައްކަތް ބަލައިގަނެ ހޮލޭންޑް، ބަހުރެއިން ފަދަ ގައުމުތަކަށް ސްޕޮންސާކޮށްގެން ގެންދިޔަ އެވެ.
"ދުބާއީގެ ޕާމްޓްރީގައި މަސައްކަތް ކުރިން. ދިވެހިރާއްޖޭގެ ހުރިހާ ބޮޑެތި މެގަ ބިލްޑިންތަކެއްގައި މަސައްކަތް ކޮށްފައި ހުންނާނެ. އަމިއްލަ އަތުން ހަތްސަތޭކަ އަށްޑިހަ ތިން ޕްރޮޖެކްޓް ކޮމްޕްލީޓް [ނިންމާލައިފިން] ކޮށްފިން. މަސައްކަތް ނުކޮށް ނިންމާލި އެންމެ ޕްރޮޖެންޓެއް ވެސް ނޯންނާނެ،" ރިކީ ކިޔައިދިނެވެ.
ރިކީ ބުނާގޮތުގައި އޭނާއަށް މާތްﷲ ބުއްދިއާ ޙިކްމަތާ ދެއްވި އެވެ. ހަމައެކަނި އޭނާގެ މަދީ ޒަމާނީ އިލްމެވެ. ސިފައިންގެ ތެރެއިން އޭނާއަށް ދަސްވި އެއްޗަކީ "ނޯޕެއިން ނޯގެއިން" ކަމަށް ވާތީ، ކޮންމެ ދަތިހާލެއްގައި ވެސް އަދި ކޮންމެ ނިކަމެތި އަދި ކިތަންމެ ވޭނެއްގައި އުޅެން ޖެހުނަސް ބޭނުންކަމެއް ކުރެވޭނެކަމުގެ ޔަގީންކަން އޮންނަކަމެވެ. އެކަން ގަބޫލުކޮށް ކުރިއަށް ދިއުމުގެ ސަބަބުން އޭނާގެ މަސައްކަތް ފުޅާވެ، "ފައިނަލް ޓަޗް" ގެ ނަމުގައި އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީކޮށް މިއަދު އޭނާއަކީ އެ ކުންފުނީގެ އެންމެ އިސްވެރިޔާ އެވެ.
ކުރެހުމުގެ ފަންނުގައި ވެސް ވަރަށް ފުންނާބު އުސް
ރިކީއަކީ މޮޅު ހުނަރުވެރި ކުރެހުންތެރިއެކެވެ. މީގެ 10 އަހަރު ކުރިން ކުރަހަން ފެށި ގޮތް ކިޔައިދެމުން އޭނާބުނީ ކުރެހުމުގެ ވިސްނުން އައީ އޭނާގެ ފައިބޭނުން ނުކުރެވޭނެ ބަލި ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އަތުން މަސައްކަތެއް ކޮށްގެންވެސް ދިރިއުޅުމައިގެން ކުރިއަށް ދާން ބޭނުންވާތީ އެވެ.
ކުރެހުމަށް ޝައުގުވެރިވެ، ކުރަހަން ފެށީ ސިފައިންގޭގައި އުޅުނުދުވަސްވަރު މީހަކު އާޓްލައިން ގަލަމަކުން ތިކި ޖަހައިގެން ކުރަހާތަން ފެނިގެންނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އެމީހާ ކުރަހާ ތަނަށް އޭނާ ގޮސް ބަލައި ހަދަ އެވެ. އަދި ކުރެހޭތޯ މަސައްކަތް ކުރި އެވެ. ކުރެހުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ރިކީ ކުރެހީ ކުރީގެ އިރާގުގެ ރައީސް ސައްދާމް ހުސެއިންގެ ފޮޓޯ އެކެވެ. އޭގެ ފަހުން ތަފާތު ކުރެހުންތަށް ގެންދިޔައީ ކުރަހަމުންނެވެ. އޭނާގެ ޚިޔާލަށް އަންނަ ކޮންމެ އެއްޗެއް މިއަދު ކުރަހާލުމަކީ އޭނާއަށް ދާދި ފަސޭހަ ކަމެކެވެ.
ރިކީ ބޮޑަށް ކުރަހަން ބޭނުންވަނީ މީހުންނަށް ފެންނަން ހުންނާނެ ތަނެއްގައި ހުރެގެންނެވެ.
"ކުރަހާ ތަން ބަލަން ސްކޫލް ކުދިން ހުއްޓި ހުންނައިރު އަޅުގަނޑު ހުންނާނެ އެކުދިން ގޮވައިގެން ގެނެސް، ކުރަހާށޭ ކިޔާފައި ކުރަހާ ސާމާނު ދީފައި ވެސް. ހަޑިކޮށް ކުރެހުނީމަ ކިތަންމެ ފަހަރަކު ހުންނާނެ ރަނގަޅު ކޮށްދީފައި ވެސް. އެތަނުން ބައެއް ކުދިން ކުރެހުންތެރިންނަށް ވެސް ވެފައި އެބަހުރި،" ރިކީ ބުންޏެވެ.
އޭނާ ބުނާގޮތުގައި އޭނާގެ ކުރެހުން ތަފާތުވާނެ އެވެ. އޭނާ ވިސްނަނީ ޒަމާނާ އެއްގޮތަށް ކުރެހުންތައް ބަދަލުކުރާށެވެ. ކަރުދާހާއި، ކެންވަސްގެ އިތުރުން ފޯމްބޯޑް، ބިއްލޫރި އަދި ފާރުތަކުގައި ވެސް ރިކީ ކުރަހަ އެވެ. އޭނާގެ ފަހަތުން އޭނާގެ ދެ އަންހެން ދަރީން ވެސް ކުރެހުމުގެ ތެރެއަށް ނުކުމެފައިވާކަން އުފަލާއެކު ފާހަގަކުރެ އެވެ.
ކުރެހުމުގެ ތެރެއަށް ނިކުންނަން ބޭނުންވާ މީހުންނަށް އޭނަދޭ ނަސޭހަތަކީ، ކުރެހޭނެކަން ފުރަތަމަ އަމިއްލައަށް ގަބޫލުކުރުމެވެ. އެއަށްފަހު މަސައްކަތް އެކި މަރުހަލާތަކަށް ބަހާލުމަށެވެ. ފުރަތަމަ މަރުހަލާގައި އަތުގައި އޮންނަ ފަންސޫރުން ގަނޑެއްގައި އައުޓްލައިނެއް ނަމަވެސް އަޅާލުމަށެވެ. އެއަށްފަހު ދެންހުރި މަރުހަލާތަކުގައި އެކުރެހި އައުޓްލައިން އިސްލާހު ކުރުމަށެވެ.
ރިކީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަދި އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ ރިސޯޓުތަކުގެ ރިސެޕްޝަންގައި ހުންނަ ފީޗާ ވޯލް (ފާރު)އޭނާގެ ކޮންޕެނީ "ފައިނަލްޓަޗް" އަބްދުﷲ އިސްމާއިލް ނުވަތަ ރިކީ އޭގައި ލިޔެލާފައިވާ، އަދި ވަރަށް އަސްލާއެއް ގޮތް، އެ ފެންނަ ކޮންމެ މީހަކު ތައުރީފުކުރާ ފެންވަރުގެ ކުރެހުމެއް ބެހެއްޓޭނެ ދުވަހެކެވެ.