މި ހަފްތާގައި މިފްކޯއިން މަސް ގަންނާނެ އަގުތައް އާންމުކޮށްފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން މިރޭ ބުނީ މިއަދުން ފެށިގެން 1.5 ކިލޯއިން މަތީގެ އައިސް އެޅި ކަނޑުމަހާއި ކަންނެލި މަސް ގަންނާނީ 16 ރުފިޔާއަށް ކަމަށެވެ. އަދި 1.5 ކިލޯއިން މަތީގެ އައިސް ނާޅާ ކަނޑުމަހާއި ކަންނެލި މަސް ގަންނާނީ 14 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ އައިސް އެޅި ކަނޑުމަހާއި ކަންނެލި މަސް ގަންނަނީ ހަތް ރުފިޔާ އަށެވެ. އަދި 1.5 ކިލޯއިން ދަށުގެ އައިސް ނާޅާ ކަނޑުމަހާއި ކަންނެލި މަސް ގަންނަނީ ހަތް ރުފިޔާ އަށް ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މަސްވެރިންގެ އަތުން މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު މުރާޖާ ކުރަން މިފްކޯއިން މިއަދު ވަނީ ނިންމާފަ އެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާދަމާ އިން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގައި ކަމަށެވެ. މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް އެ ކުންފުނިން އިއުލާން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިފްކޯއިން ބުނީ އެ ބަދަލު ގެނައީ މަސްވެރިން ބާނާ މަހަކަށް ގަވާއިދުން ފައިސާ ނުދެވޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
މިފްކޯ އިން ކުރިން ބުނެފައި ވަނީ 12ރ. އަށް ވުރެ ބޮޑު އަގު އަގުގައި މަސް ގަންނަ ނަމަ އެ ކުންފުންޏަށް ގެއްލުންވާނެ ކަމަށެވެ. އެކަމަކު މިހާރު ކިލޯއެއް 16ރ. އަށް ހަމަޖެއްސީ ސަރުކާރުން ސަބްސިޑީ ދީގެންނެވެ.
20 ރުފިޔާއަށްވުރެ ދަށް ނުކުރާނެކަމަށް ބުނީ ކީއްވެގެން.