ފްރޭންކްފަޓް (2 ޖުލައި) – ޔޫރޯގެ ގަދަ 16ގެ ބުރުގައި މިރޭ ސްލޮވީނިއާ އަތުން ޕެނަލްޓީ ޖަހައިގެން 3-0 އިން މޮޅުވެ، ޕޯޗުގަލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުޅުނު އެކްސްޓްރާ ޓައިމްގެ ދެ ހާފުގައި ވެސް މެޗުގެ ނަތީޖާއަށް ބަދަލެއް ނާދެ އެވެ.

މެޗުގެ އެކްސްޓްރާ ޓައިމްގައި ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކާމިޔާބެއްނުކުރެވުނެވެ. ރޮނާލްޑޯގެ ޖެހި ޕެނަލްޓީ ސްލޮވާކިއާގެ ގޯލްކީޕަރު ޔާން އޮބްލަކް ވަނީ ދިފާއުކޮށްފަ އެވެ. މި ޕެނަލްޓީ ނާކާމިޔާބުވުމުން ރޮނާލްޑޯ ހުރީ ފެން ކަޅިވެފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ސްލޮވީނިއާގެ ބެންޖަމިން ސެސްކޯ ވެސް ވަނީ ރަނުގެ ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. ސެސްކޯއަށް ހުސްކޮށް ލިބުނު ފުރުސަތު ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ދިފާއުކޮށްފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޕޯޗުގަލްގެ ފުރަތަމަ ޕެނަލްޓީ ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްފަ އެވެ. ސްލޮވީނިއާގެ ޖޯސިޕް އިލިޗިޗް އާއި ޖޫރޭ ބަލްކޮވެޗް އަދި ބެންޖަމިން ވާބިކް ޖެހި ޕެނަލްޓީތައް ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ވަނީ ދިފާއުކޮށްފަ އެވެ.

ޕޯޗުގަލް މޮޅުވި ޕެނަލްޓީ ވައްދާލީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބަނާޑޯ ސިލްވާ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ ފްރާންސް އެވެ.