ހަ ގައުމަކުން ރާއްޖެއަށް ކަނޑައަޅާފައިވާ އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.

ރައީސް އޮފީހުގައި ވަކި ވަކި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް ފަތްކޮޅު އަރުވާފައިވަނީ ލަންކާގެ އައު ސަފީރު ޕެލްޕޮލަގެ ރަންގަ ސުޖީވާ ގޫނަވަރދެނާ، ނޭޕާލުގެ އައު ސަފީރު ބަޝޫ ދޭވް މިޝްރާ، އެރިޓްރިއާގެ އައު ސަފީރު އަލެމް ސަހާއި ވުލްދެމާރިއަމް، ކޮލަމްބިއާގެ އައު ސަފީރަކީ ޑރ. ވިކްޓަރ އެޗެވެރީ ޖަރަމިލޯ، ފިލިޕީންސްގެ އައު ސަފީރު ލިއޯ ޓީޓޯ އެލް. އައުސަން އަދި އިޓަލީގެ އައު ސަފީރަކީ، ޑެމިއާނޯ ފްރެންކޮވިގް އެވެ.

ލަންކާގެ އާ ސަފީރާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ތައުލީމާއި، ސިއްހީ ދައިރާގެ އިތުރުން އިގްތިސާދު ކުރިއެރުވުމަށް އިންވެސްޓްމެންޓު އިތުރުކުރުމަށް، މަޝްވަރާ ކުރެއްވި އެވެ. އަދި ރައީސް ވަނީ ތައުލީމީ ދާއިރާއިން ލަންކާގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި ފެންވަރު ރަނގަޅު ޓީޗަރުން ރާއްޖެއަށް ގެނައުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފަ އެވެ.

ލަންކާ އައު ސަފީރާއެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން..

ނޭޕާލުގެ އައު ސަފީރު އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް، ހާއްސަކޮށް ސިއްހީ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް ނޭޕާލް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.

އެރިޓްރިއާ، ކޮލަމްބިއާ އަދި ފިލިޕީންސް ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރާއެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުކުރެއްވުމުގައިދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ފިލިޕީންސްގެ އައު ސަފީރު ފަތްކޮޅު އެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އިޓަލީގެ ސަފީރާއެކު ރައީސް ބޭއްވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް އެކުގައި މަސައްކަތް ކުރުމާއި، މެރިން ރިސާރޗް އިތުރަށް ފުޅާކުރުމާއި، ސިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުން ހިމެނެ އެވެ.