އަންނަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ގެންދަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ޚާއްސަކޮށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމުގެ ފަރާތުން ރައްދުވާ ބަހުގެ ހަމަލާތައް މާގިނަ އެވެ. ބައެއް ފަހަރު ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ވެސް ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވަ އެވެ. ގާސިމް ބައެއް ފަހަރު ދައްކަވާ ވާހަކަތަކުން، އިންތިޚާބުގެ ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ، ސަރުކާރާ އެއްގަލަކަށް ނާރާނެހެން ވެސް ބައެއް މީހުންނަށް ހީވެދާނެ އެވެ. އެކަމަކު ފެންނަ ސިޔާސީ މަންޒަރު މުޅިން ތާފާތެވެ.

އިއްޔެއަކީ ފޮޓޯތަކުން އެފަދަ މަންޒަރެއް ފެނުނު ދުވަހެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދޫ އަށް ވަޑައިގަތުމަށް މަތިންދާ ބޯޓަށް އަރައިވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ގާސިމް އިބްރާހިމް އުތުރުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ބޯޓުން ފައިބައިގެން ވަޑައިގެންނެވި ވަގުތާ ދިމާވި އެވެ. ދެބޭފުޅުން ބައްދަލުވީ އެއާޕޯޓުގެ އޭޕްރަން މަތިންނެވެ. ގާސިމް ވަނީ ރައީސްގެ ކޮނޑުފުޅުގައި އަތް ބާއްވާލައްވައިގެން ވަރަށް ގާތްކޮށް ވާހަކަ ދައްކަވައިފަ އެވެ. އަރިހުގައި ރައީސްގެ ކޯލިޝަން ޕާޓްނަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ހުންނެވި އެވެ. ލަފާކުރެވޭ ގޮތުން ސިޔާމް ވެސް ގެންދެވީ ގާސިމްއާ އެހާ ގާތްކޮށް ވާހަކަ ދައްކަވަމުންނެވެ. އަދި ރައީސްގެ އަރިހުގައި ކޯލިޝަންގެ އަނެއް ޕާޓްނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހުންނެވި އެވެ. ގާސިމްގެ އަރިހުގައި އެމަނިކުފާނުގެ ކެމްޕޭން ޓީމުގެ ބޭފުޅުން ވެސް ތިއްބެވި އެވެ.

ކަންދިމާކުރި ގޮތުން ގާސިމް ވަޑައިގެންނެވީ ރައީސްގެ އަތޮޅު ކަމަށްވާ ޅ. އަތޮޅުގެ ދަތުރަށް ފަހު އެވެ. އެ އަތޮޅުގައި ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެއްވެސް ޒާތީ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ފާޑު ވިދާޅުވަނީ ސިޔާސަތުތަކަށް ކަމަށް ވިދާޅުވެފަ އެވެ.

ސިޔާސީ ބޭފުޅުންނަކީ އެ ބޭފުޅުން ދައްކަވާ ވާހަކަތަކުން ބައެއް ފަހަރު ކަން އޮންނަ ގޮތް ލަފާކުރަން އުނދަގޫ ބައެކެވެ. ސިޔާސީ ޖަޒުބާތުގައި ވާހަކަ ދެއްކެވި ނަމަވެސް އެއީ ފަހުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ގާތް ނުވެވޭހާ ދުރު ވާހަކަތަކެއް ނޫނެވެ.