ލައިޕްޒިގް (3 ޖުލައި) – ތުރުކީގެ ޑިފެންޑަރު މެރީހް ޑެމިރަލް ކާމިޔާބުކުރި ދެ ލަނޑާއެކު ޔޫރޯގެ ގަދަ 16ގެ ބުރުގައި ރޭ އޮސްޓްރިއާ އަތުން 2-1 އިން މޮޅުވެ، ތުރުކީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއީ 2008 ވަނަ އަހަރުގެ ޔޫރޯގެ ފަހުން ތުރުކީ މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ކުއާޓާ ފައިނަލްގައި ތުރުކީއާ ދެކޮޅަށް ނުކުންނާނީ ނެދަލޭންޑްސް އެވެ.

ތުރުކީން މި މެޗުގައި ލީޑު ނެގީ 57 ވަނަ ސިކުންތުގައި ޑެމިރަލް ކާމިޔާބުކުރި ލަނޑުންނެވެ. ޑެމިރަލް ލަނޑު ޖެހީ އާރްދާ ގުލާ ނެގި ކޯނަރަކުންނެވެ. މިއީ ޔޫރޯގެ ތާރީހުގައި ވެސް ނޮކްއައުޓް މެޗެއްގައި ޖެހި އެންމެ އަވަސް ލަނޑެވެ.

މެޗުގެ 59 ވަނަ މިނިޓުގައި ތުރުކީގެ ދެވަނަ ލަނޑު ވެސް ޖެހީ ޑެމިރަލް އެވެ. މި ލަނޑު ވެސް ޑެމިރަލް ޖެހީ ގުލާ ނެގި ކޯނަރަކުންނެވެ.

މި މެޗުގެ ފޯރިގަދަވީ މެޗުގެ 66 ވަނަ މިނެޓުގައި އޮސްޓްރިއާގެ މައިކަލް ގްރެގޮސްޓިކް ޖެހި ލަނޑުންނެވެ.

އޮސްޓްރިއާ އިން މެޗުގެ ބާކީ އޮތް ވަގުތުގައި ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް، އޮސްޓްރިއާ ހިފެހެއްޓުމަށް ތުރުކީގެ ޑިފެންސްއިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފްރާންސް އާއި ނެދަލޭންޑްސްއާ އެއް ގުރޫޕެއްގައި ވާދަކޮށް، ގުރޫޕްގެ އެއްވަނަ އޮސްޓްރިއާ އިން ހޯދުމުން، ގަދަ 16ގެ ބުރަށް އެ ޓީމު ސަޕޯޓަރުން ފޮނި އުންމީދުތަކެއް ކުރި އެވެ. އެހެން ނަމަވެސް، ގަދަ 16ގެ ބުރުން އެ ޓީމަށް މުބާރާތުގައި ކުރިއަށްދެވޭ ގޮތެއްނުވި އެވެ.