މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ސެލްފް ސާވިސް ކިއޮސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް އަމިއްލައަށް އެ ބޭންކުގެ ހިދުމަތް ލިބޭނެގޮތް ހަދައިފި އެވެ.

އެމްއައިބީން ބުނީ މިއީ އެ ބޭންކުން ކަސްޓަމަރުންނަށް ދޭ ހިދުމަތް ލިބިގަތުމަށް އިތުރު އާ ގޮތެއް ތައާރަފްކޮށް، ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.

ކިއޮސްކުގެ ހިދުމަތާއެކު އެމްއައިބީގެ ހިދުމަތް އަމިއްލައަށް ހޯދޭނެ ކަމަށް އެބޭންކުން ބުނެ އެވެ. އެ ބޭންކުގެ މާލެ އަދި ހުޅުމާލެ ސެންޓަރުތަކުގައި ކިއޮސްކު މިވަގުތު ހުރި ނަމަވެސް ވަރަށް އަވަހަށް އަތޮޅުތެރެއަށް މި ހިދުމަތް ފުޅާކުރާނެކަމަށް ކަމަށް ވެސް އެމްއައިބީ ބުނެ އެވެ. މި ހިދުމަތް ލިބިގަތުމަށް އެހީތެރިވުމަށް އެބޭންކުގެ މުވައްޒަފުން ތިބޭނެކަމަށް އެމްއައިބީން ވަނީ ބުނެފަ އެވެ.

ކަސްޓަމަރުންނަށް ފަސޭހަކުރުމަށް އެމްއައިބީން ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާއިރު އޭގެތެރެއިން އެއް ހިދުމަތަކީ އެމްއައިބީ އެޕްލައިނައު ހިދުމަތެވެ. މިއީ ރާއްޖޭގައި ކަސްޓަމަ ސާވިސް ދިނުމަށް ބޭނުންކުރާ އެންމެ ފުރިހަމަ އެންމެ ބާރުގަދަ އެއް ޕޯޓަލެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމުގެ ހިދުމަތް ވަގުތުން ލިބެ އެވެ.

މި ހިދުމަތް ރާއްޖޭގައި ހަމައެކަނި ބޭނުންކުރާ ބޭންކަކީ އެމްއައިބީ އެވެ. އެޕްލައި ނައު ޕޯޓަލްގެ އުޖާލާ ނައު ސެކްޝަނުން ބޭންކަށް ނުގޮސް މިހާރު ޝަރިއާ ހުއްދަކުރާ އުސޫލުން މުދާގަނެ އެކި ބޭނުންތަކަށް ފައިސާނެގެ އެވެ. މި ޕޯޓަލްއިން އެމްއައިބީގެ ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދެވޭނެކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.