ކޯސްޓްގާޑް ބިލްޑިންގް އެޅުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މީހެއްގެ ގެއަށް ގެއްލުންވި މައްސަލާގައި 230،000ރ. ގެ ބަދަލެއް އެ މީހާއަށް ދިނުމަށް ރެއިންބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކޯސްޓްގާޑް ބިލްޑިން ހުރި ތަނުގައި އަޅާފައިވާ 10 ބުރީގެ އިމާރާތުގެ ސަބަބުން ހ. ބުޗާގެއާގެ އަށް ގެއްލުންވާތީ އެ ގޭގެ ވެރިފަރާތެއް ފާތިމަތު ނަތާޝާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާކުރީ ޑިފެންސް މިނިސްޓްރީގެ އިތުރުން ރެއިންބޯ ކޮންސްޓްރަކްޝަނާ ދެކޮޅަށެވެ.

ރެއިންބޯ ކޮންސްޓްރަކްޝަން އަކީ ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ރިއަލްއެސްޓޭޓް ވިޔަފާކުރިކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ހުޅުމާލޭގައި ގިނަ އަދަދެއްގެ އެޕާޓްމަންޓާއި ރޯ ހައުސް އަދި އޮފީސް ބިލްޑިންގް ހަދައި އެތައް ބަޔަކަށް ބޮޑު އަގުގައި ވިއްކައިފަ އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ވައިބްރޭޝަންގެ ސަބަބުން ބުޗާގޭގެ ފާރުގައި ރެނދުތައް އިތުރަށް ބޮޑުވެ, ފަސްގަނޑު ދޫވުމުގެ ސަބަބުން އިމާރާތުގެ އުތުރު ފަރާތުގެ އިންފާރު އަރިއަޅާލައި ސީލިންގްއިން ބައެއް ވެއްޓިފައިވާ ކަމަށެވެ.

އެ ގެއްލުންތައް ލިބެމުންދާކަން ރެއިންބޯ ކުންފުނީގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ދައުވާކުރާ ފަރާތުގެ އިމާރާތަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރުމަކީ އިމާރާތް ކުރުމުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

އެހެންކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 232،000 ރުފިޔާ ރެއިންބޯ އިން ނަތާޝާއަށް ދައްކަން ޖެހޭ ކަމަށް ހުކުމްގައިވެ އެވެ.

އެ މައްސަލާގައި އިމާރާތަށް ގެއްލުންވުމުން ބުޗާގެއާގޭގެ ކުއްޔަށް ދީފައި ހުރި ދެ ފްލޯއަކުން މީހުން ހުސްކުރަން ޖެހުމުން ލިބެމުންދިޔަ ކުލީގެ ފައިސާ ގެއްލި، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 236،000ރ. އެކީ އެއްފަހަރާ ނަގައިދިނުމަށް އެ މައްސަލާގައި އެދުނެވެ. އަދި މަރާމާތުކުރުމަށް ހިނގާ މުއްދަތުގައި ކޮންމެ މަހަކަށް 29،000ރ. ހޯދުމަށް އެ ދައުވާގައި އެދިފައިވެ އެވެ. ނަމަވެސް އެ ފައިސާ ކޯޓުން ނަގައެއް ނުދެ އެވެ.