ލައިފްކޯޗުންނަކީ މީހުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަންނަން ސަޕޯޓް ދިނުމަށް ޚާއްސަ ތަމްރީނުތަކެއް ހަދާފައި ތިބޭ ބައެކެވެ. މިސާލަކަށް އަމިއްލަ ނަފްސުގައި ހުރި އުނިކަމަކުން އަރައިގަންނަން އުނދަގޫވުމާއި، ބިރުގަތުމާއި، ހާސްވުމާއި، އަމިއްލަ ގާބިލް ކަމާދޭ ތެރޭ ޔަގީންކަމެއް ނެތުމާއި ކުރިއަށް ދާނެމަގު ނޭނގިފައި ތިބޭނަމަ ލައިފްކޯޗުން އެފަދަ މީހުނަށް އެކަމުން އަރައިގަތުމަށް އެހީތެރިވެދެ އެވެ.
ސ. މަރަދޫ ފޭދޫ، ބްލޫހެވަން، ހައްވާ ޒިމްނާއަކީ މީހުންގެ ތެރޭގައި މަގްބޫލް ލައިފް ކޯޗެއް އަދި އިޖުތިމާއީ މަސައްކަތްތެރިއެއް. ތައުލީމީ އާއިލާއަކަށް ނިސްބަތްވާ ޒިމްނާ، ސާނަވީ ތައުލީމް ހާސިލްކުރީ ކުރީގެ ސަދަން ސެކަންޑްރީ ސްކޫލުންނެވެ. އެއީ އިތުރަށް ކިޔެވުމަށް ފުރުސަތު، އަތޮޅުން ލިބެން ނެތް ދުވަސްވަރެކެވެ. އެހެންކަމުން އެންމެ 19 އަހަރުގައި ޒަވާޖީ ހަޔާތެއް ފެށި އެވެ. އެ ކައިވެންޏަށް ލޯބި ލޯބި އަންހެން ދަރިފުޅަކު ލިބުނު ނަމަވެސް އުފާވެރި ހަޔާތަކަށް ކުރެވުނު އުންމީދުތައް ކާމިޔާބު ވާގޮތެއް ނުވި އެވެ.
ލިބުނު ހިތްދަތިކަމާއި މާޔޫސްކަމުގެ ތެރޭގައި މަގު ގެއްލިފައިވަނިކޮށް ޒިމްނާ ކޮޅަށް ނަގައި މީހަކަށް ހެދީ އޭނާގެ އެއްބަޑު އެއްބަފާ ބޭބެކަން މިއަދު ޒިމްނާ ވަރަށް އުފާލާއެކު ފާހަގަކުރެ އެވެ.
"ބޭބެ ހިތްވަރު ދިނީ އިތުރަށް ކިޔެވުމަށް. މާލެއައިސް އަލުން އޯލެވެލް ހަދާ ރަނގަޅު ނަތީޖާއެއް ހޯދިން. ދަރިފުޅަކު ބަލަމުން ކިޔަވަން ފަސޭހައެއް ނޫން. އެހެނަސް ވަރަށް ގިނަކަންތައްތައް ގުރުބާން ކުރުމަށްފަހު ތައުލީމް ހޯދަން ގަދައަޅާ މަސައްކަތްކުރީ،" ޒިމްނާ ކިޔައިދިނެވެ.
ހިތްހެޔޮކަމާއެކީ ދިމާވާކަންކަމުގައި، ފަސޭހައިން އަނެކާއަށް މާފްކުރުމުގެ ސިފަހުންނަ ޒިމްނާގެ ވިސްނުމަށް ކުއްލި ބޮޑުބަދަލެއް އައީ ބޭބެ ކިޔަން ދިން ފޮތެއްކަމުގައިވާ ނީލް ޑޮނަލްޑް ވޯލްޝް ލިޔުއްވާފައިވާ "ވެން އެވްރީ ތިންގް ޗޭންޖަސް ޗޭންޖް އެވްރީ ތިންގް" މިފޮތް ކިއުމުގެ ތެރޭގަ އެވެ. އެ ފޮތުގައިވާ އިރުޝާދުގެ އަލީގައި އަމިއްލަ ހަޔާތަށް އެބަދަލުތަށް ގެނައުމަށް އޭނާ މަސަކަތް ކުރި އެވެ. އެ ފޮތުގައިވާ އިރުޝާދަކީ، ދިރިއުޅުމުގައި ބޮޑެތި މައްސަލަތައް ދިމާވާ ހާލަތުގައި ތިމާގެ ވިސްނުމާއި ނަފްސަށް އަދި އަމަލުން އަމިއްލަ ދިރިއުޅުމަށް ބޮޑުބަދަލެއް ގެންނައުމުގެ މުހިންމުކަމުގެ ވާހަކަ އެވެ. އޭރުން ތިމާއަށްޓަކައި ވަށައިގެންވާ މާހައުލު، އެއީ އާއިލާ ކަމުގައި ވިއަސް، ރަށްޓެހިން ކަމުގައި ވިއަސް ބަދަލުވާނެ ކަމެވެ. މިއުސޫލަކީ ޒިމްނާ މިއަދު ވެސް ހިފަހައްޓާ އުސޫލެކެވެ.
އޭނާ ދެކޭ ގޮތުގައި މީހާ ބަދަލު ނުވާހާ ހިނދަކު ހަޔާތަށް ކުރިއެރުމެއް ނާންނާނެ އެވެ. ސަބަބަކީ ކޮންމެ ކުރިއެރުމަކީ ބަދަލެއް ކަމުގައި ވާތީ އެވެ.
ކައުންސިލިންގެ ދާއިރާ ޚިޔާރުކުރީ އެކަމަށް ޝައުގުވެރިވާތީ
ބޭބެގެ މަޝްވަރާގެ މަތިން ޒިމްނާ ގަސްދުކުރީ މުޅި އުމުރު އެކަމެއްގެ މަތީ ދެމިހުރެވޭނެ ފަދަ މަސައްކަތެއް ދަސްކުރުމަށެވެ. އެގޮތުން ކައުސިލިންއަކީ ޒިމްނާއަށް ފެނުނު ގޮތުގައި އޭނާ ކުރިއަށްދާން އެންމެ ރަނގަޅު ދާއިރާކަމަށް ނިންމައި، އެމްއެންޔޫގައި ކައުންސިލިން ޑިޕްލޮމާއެއް ފުރިހަމަކުރި އެވެ.
ޑިޕްލޮމާއަށް ކިޔެވިއިރު އޮފީހެއްގައި އޭނާ ދިޔައީ އިދާރީ މުވައްޒިފެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންނެވެ. ދަރިފުޅު ސްކޫލަށް ގެންގޮސް ގެނައުމާއި، ދިރިއުޅުމުގެ ދަތިކަމަށް ބަލައި އޮފީހުގެ ވެރިންދެއްވި ލުއިތަކުގެ ސަބަބުން ވަރަށް ފަސޭހަވި އެވެ.
"އޮފީސް މާހައުލު ވަރަށް ސަޕޯޓިވް. އޭރު އެހާބޮޑަކަށް ކޮންފިޑެންސެއް ނުހުރޭ. ނަމަވެސް ބޭބެ ހިތްވަރު ދެއްވުމުގައި ދެމިހުންނާތީ އަމިއްލަ ނަފްސަށް އިތުބާރު ކުރެވެން ފެށުނު،" ޒިމްނާ ބުންޏެވެ.
ޑިޕްލޮމާ ނިންމުމަށްފަހު ދެން އޭނާ ގުޅުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާ އެވެ. އަދާކުރީ ކައުންސެލިން އެސިސްޓެންޓެއްގެ ވަޒީފާ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، 2017 ވަނަ އަހަރު އެމްއެންޔޫގައި ބެޗެލާސް އޮފް ސައިކޮލޮޖީ ފުރިހަމަ ކުރި އެވެ. ވަރަށް ގިނަ ގޮންޖެހުންތަކަކާއެކު، މަގާމުގެ ކުރިއެރުން ލިބި އެސިސްޓެންޓް ކައުންސިލާއަކުން ކައުންސިލާއަކަށް ބަދަލުވި އެވެ.
ލިބުނު އެއްވެސް ފުރުސަތެއް ދޫނުކޮށްލާ
އެންޑީއޭގައި މަސައްކަތްކުރި ހަތް އަހަރު ކުރިއެރުމަށް ލިބުނު އެއްވެސް ފުރުސަތެއް އޭނާ ދޫކޮށެއް ނުލަ އެވެ. ކުރި ކޮންމެ މަސައްކަތެއް ކުރީ ވަރަށް ފަރުވާތެރިކަމާ އެކީ ފުރިހަމަ ކޮމިޓްމަންޓް ދީގެން އެވެ. ނެޝަނަލް ޑްރަގް އެޖެންސީގެ ކޮމިއުނިޓީ ސާވިސް ސެންޓާގައި ކައުންސެލާއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު، ކުރަންޖެހުނު އެއްވެސް މަސައްކަތެއް ފަސްޖެހުމެއް ނެތި ކުރެވޭތޯ ބެލި އެވެ. އެއީ އޭނާގެ މެންޓާ ނުވަތަ ކޯޗް (ބޭބެ) ގައިޑެންސް ދީފައިވާ ގޮތެވެ. އެއީ ކުރިއަށް ދާން ލިބޭ ކޮންމެ ފުރުސަތަކަށް އާއެކެ ބުނުމެވެ.
އޭނާ ބޭނުންވީ މަސައްކަތް ކޮށްގެން ކޮންފިޑެންސް ހޯދާށެވެ. ކަންކަން ދަސްކޮށް ތަޖުރިބާ ހޯދާށެވެ.
"ޖަލްސާއެއްގައި އެމްސީކަން ކުރަންޖެހުނަސް އަދި ސެޝަން އަދި ކޮންފަރެންސްތަކުގައި މޮޑަރޭޓް ކުރަން ޖެހުނަސް އަޅުގަނޑު ކުރިން. އެއީ ކޮންފިޑަންސް ލިބޭނީ އެކަމެއް އަމަލީގޮތުން ކޮށްގެން ކަމުގައި ވާތީ،" ޒިމްނާ ބުންޏެވެ.
މަސައްކަތްކޮށްފިއްޔާއި، ކާމިޔާބު ވާނެކަމުގެ ޔަގީންކަން އޭނާގެ ހިތުތެރޭގައި އަބަދުވެސް ބާއްވަ އެވެ. އެންޑީއޭގައި މަސައްކަތް ކުރިއިރު، ލައިފްސްކިލް އަދި ފެސިލިޓޭޓާއެއް ގޮތުގައި ޓްރެއިންވި އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި ގުޅުން ހުރި ގިނަ ތަމްރީނުތައް އޭނާ ހެދި އެވެ. އެގޮތުން ތައިލެންޑް އަދި ކެންޔާގައި ވެސް ދާއިރާ އާ ގުޅުންހުރި އެކި ޓްރޭނިންތައް ޒިމްނާ ވަނީ ފުރިހަމަކޮށްފަ އެވެ.
ޒިމްނާއަކީ ކޮލޮމްބޯ ޕްލޭންގެ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އަންހެނުންނަށް ޙާއްސަ އިންޓަޏޭޝަނަލް ކޯސް ރާއްޖެއިން ފުރިހަމަކޮށްފައިވާ ހަމައެކަނި ފަރާތެވެ. އެހެންކަމުން ޒިމްނާއަކީ ކޮލޮމްބޯ ބްލޭން، ޑްރަގް އެޑްވައިޒަރީ ޕްރޮގުރާމްގެ ޑަބްލިއުއައިއެސްއީ ކަރިކިއުލަމްގެ ގްލޯބަލް މާސްޓާ ޓްރެއިނާއެކެވެ. އަދި ހަމަ އެދުވަސްވަރު އަމިއްލި ޚަރަދުގައި ނިއުރޯ ލިންގުއިސްޓިކް (އެންއެލްޕީ) ޕްރެކްޓިޝަނާލެވެލް (ސްރީލަންކާގެ މައިންޑްޑިޒައިންސް އިންޓަނޭޝނަލް އިންސްޓިޓިއުޓުން) އަދި އެންއެލްޕީ މާސްޓާސް ލެވެލް (އެސޯސިއޭޝަން އޮފް އެންއެލްޕީ އިންޑިއާ އިން) ވަނީ 2019 ވަނަ އަހަރުގެ ފުރިހަމަކޮށްފަ އެވެ. އަދިވެސް ޒިމްނާ ފުރިހަމަކޮށްފައިވާ ދާއިރާގެ ޓްރެއިނިންތަކުގެ ތެރޭގައި އެޑްވާންސް ލައިފް ކޯޗިން، ސީބީޓީ ޓްރެއިނިން، ސާޓިފައިޑް ހިޕްނޯޓިންޓް އަދި ސާޓިފައިޑް ވިމެންސް ލައިފް ކޯޗް ޓްރެއިނިން ހިމެނެ އެވެ.
ޒިމްނާ ބުނާގޮތުގައި ފުރުސަތަކީ ފަހަތުން އަންނާނެ އެއްޗެއް ނޫނެވެ. މިއަދު އެ މީހަކު ދާން ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމަށްޓަކައި އެތައް ފުރުސަތުތަކެއް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ލިބެން ހުރިއިރު، އެކަން ހޯދަން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެންޑީއޭގައި އޭނާ ހޭދަކުރި އެންމެ ފަހު ދުވަސްތަކުގައި "ގަގަން ކްލިނިކް" ގައި ވެސް މުހިންމު މަސައްކަތްތަކެއް އަދާ ކުރި އެވެ. އެންޑީއޭގައި ވަޒީފާއަދާކުރަމުން އޭނާ ވަނީ މަސްޓާސް އިން ސޯޝަލް ޕޮލިސީ ވެސް ފުރިހަމަކޮށްފަ އެވެ.
އެންޑީޢޭގައި އުޅުމަށްފަހު މިހާރު ޒިމްނާއަކީ 2021 ގެ އޮކްޓޫބަރުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވިނައިލް ޖަސްޓިސްގެ، ޓްރެއިނިން ރިސާޗް އެންޑް އެޑްވޮކެސީ ސެކްޝަންގެ ޒިންމާދާރު ޑިރެކްޓަރެވެ. މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މުޅި ރާއްޖޭގައި ކުޑަކުދިން ގާނޫނާ ޚިލާފު އަމަލެއް ކުރުމަށް ފުރުސަތެއް ނޯންނަ ގޮތަށް މުޅި ކޮމިއުނިޓީއަށް ޕްރިވެންޝަން ޕްރޮގަރާމް ހިންގުމެވެ.
"ފާއިތުވެދިޔަ ދެ އަހަރު ހަ އަތޮޅެއްގެ ގިނަ ރަށްތަކެއްގައި މުއައްސަސާތަކާއި، ބެލެނިވެރިންނަށާއި އަދި ކުޑަކުދިންނަށް އަމާޒުކޮށް ގިނަ ސެޝަންސްތަކެއް ހިންގިއްޖެ. މިއަހަރު ވެސް ދެ އަތޮޅެއްގެ ހުރިހާ ރަށެއްގައި ހިންގައިފިން،" ޒިމްނާ އޮޅުންފިލުވައިދިނެވެ.
ލައިފްކޯޗަކަށްވީ ދަތި އުނދަގޫ ހާލަތްތަކުގައި ތިބި އަންހެނުން ކާމިޔާބު މީހުންނަށް ހެދުމަށް
އަންހެނަކަށްވެ ހުރެ އަންހެނުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ ޒިމްނާ ވަރަށް ޝައުގުވެރިވާ ކަމެކެވެ. އެ ހިސާބަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަވެ އެވެ. އޭޝިއާ ލެވެލެގެ ޓްރޭނިންތަކުގައި ބައިވެރިވެ، މީހުން ޓްރެއިން ކުރުމުގެ މަސައްކަތް އޭނާ ކޮށްފައިވެ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނަށް ޚާއްސަ ފަރުވާ ދިނުމުގެ ތަމްރީން ފުރިހަމަކޮށް އޭނާއަކީ ރާއްޖޭގައި ހުރި ހަމައެކަނި މާސްޓާ ޓްރެއިނާ އެވެ.
ޒިމްނާ ބުނާގޮތުގައި ދީނީ ގޮތުންނާއި ސަގާފީ ގޮތުން ބެލިކަމުގައި ވިއަސް އަންހެނުންނަކީ ބައްޕަ، ބޭބެ، ނުވަތަ ފިރިމީހާއަށް ބަރޯސާ ވެގެން އުޅެންޖެހޭ ބައެކެވެ. ބޭނުންޖެހޭ ހާލަތެއް މެދުވެރިވެގެން އެމީހުންގެ އެހީއަށް ބޭނުންވާއިރު، އެ އެހީ ނުލިބޭ ނަމަ މަގުއޮޅި ގެއްލިގެންދާ ބަޔަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މުޖްތަމައުން ބާކީކޮށްލެވޭ ބަޔަކަށް ވެސް އެ މީހުން ވެގެންދެ އެވެ. އެފަދަ މީހުންނަށް އެހީވުމަށް އޭނާ ބޭނުން ވަނީ، އޭނާ އެފަދަ ހަލަތަކަށް ވެއްޓި އެކަމުން އަރައިގަނެވި ހަރުދަނާ މީހަކަށްވެ ދިރިއުޅުން ބަދަލުކޮށްފައިވާތީ ވެސް މެ އެވެ.
ޒިމްނާއަށް ބޭބެގެ ފަރާތުން ކޯޗެއްގެ އެހީ ލިބުނުކަމުގައި ވިޔަސް އެހީ ނުލިބޭ މީހުން މުޖަތަމައުގައި ގިނަކަން އޭނާ ހިތާމަޔާއެކު ފާހަގަކުރެ އެވެ.
"މިދިޔަ އަހަރު ޖޫން ހިސާބުގައި ލައިފްކޯޗްކަން ކުރަން ފެށީ އެފަދަ ފަރާތްތަކަށް އެހީވުމުގެ ބޭނުމުގައި. ހައްވާ ޒިމްނާ ޕޭޖް، ޓިކްޓޮކް ވެސް އިންނާނެ، ލައިފްކޯޗް ޒިމްނާ ޖަހާފައި. އަދި ފޭސް ބުކު ޕޭޗް 'ޙައްވާ ޒިމްނާ' ވަރަށް މެސެޖް ލިބޭ ގައިޑަންސް ބޭނުންވެގެން. ވަރަށް ރަނގަޅު ހެޔޮ ބަދަލުތައް އައިސްފައި އެބަހުރި ސެޝަންނަގައިދޭ ފަރާތްތަކަށް،" ޒިމްނާ ބުންޏެވެ.
ޒިމްނާ ބުނާގޮތުގައި އެމްޕަވާމަންޓަކީ ކޮންމެ މީހަކަށް ވެސް ބޭނުންވާ އެއްޗެކެވެ. ދިރިއުޅުމުގެ ހާލަތު ނިއާކުރާގޮތުން މީހަކު ވެއްޓޭ ހިނދު އެމީހަކަށް އިންތިހާއަށް އެހެން މީހެއްގެ ސްޕޯޓް ބޭނުންވާނެ އެވެ. ކޮންމެ ފަރުދަކު ވެސް ވާންވީ އެކަކު އަނެކަކަށް އަޅާލާ ސަޕޯޓް ދޭ ބަޔަކަށެވެ. ޒިމްނާގެ އެންމެ ބޮޑުސަޕޯޓަކީ އާއިލާ އާއި ގާތް ރައްޓެހިންނެވެ. ވަކިން ޚައްސަކޮށް އެއްބަޑު އެއްބަފާ ބޭބެ އެވެ.