ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފައިސާ ދިނުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު އެވެ.

އިބްރާހީމް ނާޒިލް ވިދާޅުވީ ސަރުކާރުން ދޫކޮށްފައިވާ ސުޓޫޑެންޓު ލޯނަށް ފައިސާ ދިނުން ލަސްވާތީ ކުދިން ބޭރު ގައުމެއްގައި ހާލުގައި ޖެހިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ފައިސާ ނުލިބި ޔުނިވާސިޓީތަކަށް ފައިސާ ދެއްކުން ލަސްވެ ދަރިންވަރުންނާއި އެކުދިންގެ ބެލެނިވެރިން ވަރަށް ހާލުގައި އުޅޭ ކަމަށެވެ.

"ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ތިޖޫރީ ހުސްކުރަނީ ސަރުކާރުގެ ވެރިންނަށް ގެކޮޅުތަކާއި އޮފީސްތައް ޒީނަތްތެރިކުރުމާއި ޑޮލަރު ހަރަދުކޮށްގެން ބޮޑެތި ވަފުދުތައް ހަދައިގެން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ސިޔާސީ މުވައްޒަފުން ފައުޖުފައުޖަށް އައްޔަންކޮށް އެމީހުންނަށް މުސާރަ ދިނުމަށް" މައްސަލަ ހުށަހަޅުއްވަމުން ނާޒިލު ވިދާޅުވި އެވެ.

މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑަައިގެންނެވި 71 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.

ސަރުކާރުން ބުނަނީ ދަރިވަރުންގެ ސުޓޫޑެންޓް ލޯނާއި ސްކޮލާޝިޕް ފައިސާ ނުފޮނުވިގެން އުޅެނީ ޑޮލަރުގެ ދަތިކަމާ ހެދި ކަމަށެވެ.