ރިސޯޓެއް ތަރައްގީ ކުރުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ސަރުކާރުން ދޫކޮށްފައިވާ ނ. އަތޮޅުގެ އެކުޅިވަރު ރަށުގެ ބަދަލުގައި މާލޭން ބޮޑު ބިމެއް ހޯދާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވެލާނާ އެއާޕޯޓުގައި ގާއިމްކޮށްފައިވާ ނޫވިލް ސީޕްލޭން ޓާމިނަލްގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ އެކުޅިވަރު ދޫކޮށްލީ މާލޭން 12،000 އަކަ ފޫޓުގެ ބިމަކަށް ކަމަށެވެ. އެއީ މޯލްޑިވް ގޭސް މިހާރު ހިންގާ ބިމެވެ.

"މާކެޓުގައި އެ ރަށް ވިއްކާލަން އުޅެގެން ލިބޭނެ އަގަށް ވުރެ ރަނގަޅު އަގެއް މިހާރު މި ލިބުނީ. އެ ބިމުގެ އަގު މާބޮޑުވާނެ،" 189 ހިއްސާދާރުން ބައިރިވި ޖަލްސާގައި ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯ އިން 2019 ވަނަ އަހަރު ވެސް ވަނީ އެކުޅިވަރުގެ ލީސް ރައިޓްސް ވިއްކާލަން މަސައްކަތް ކޮށްފަ އެވެ.

އެސްޓީއޯގެ އޭޖީއެމްގައި އެމްޑީ ޝިމާދު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަނީ. --ފޮޓޯ:އެސްޓީއޯ

ނ. އަތޮޅުގައި އޮންނަ 19.2 ހެކްޓަރުގެ އެކުޅިވަރު އެންމެ ފުރަތަމަ 2008 ވަނަ އަހަރު ސަރުކާރުން ދޫކުރީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. އެ ކުންފުނިން އޭރު އެ ރަށް ވަނީ އެނާ ހޮޓެލް ހޯލްޑިންސް އަށް ސަބްލީޒްކޮށްފަ އެވެ. ނަމަވެސް އެނާ ހޯލްޑިވްސް އިން އެމްޓީޑީސީ އަށް ދައްކަން އޮތް ލީޒް ރެންޓް ނުދެއްކުމުން ކޯޓު މެދުވެރިކޮށް ރަށް ވަނީ އަނބުރާ ހޯދައިފަ އެވެ. ފަހުން އެ ރަށް އެސްޓީއޯއާ ހަވާލުކުރީ ފުވައްމުލަކު އެއާޕޯޓު ހެދުމުގެ ބަދަލެއްގެ ގޮތުންނެވެ. އެމްޓީޑީސީން 2016 ވަނަ އަހަރު އެކުޅިވަރު ނަގައި އެސްޓީއޯއާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ 200 ކިލޯ މީޓަރު ދުރުގައި އޮންނަ އެކުޅިވަރަށް ސީޕްލޭނުގައި 40 މިނިޓުން ދެވެ އެވެ. އަދި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 10 މިނިޓުން ދެވެ އެވެ.