ބާލިން (14 ޖުލައި) – ޔޫރޯ ފައިނަލްގައި މިރޭ އިންގްލެންޑާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗަށްފަހު، ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަަމަށް އެ ޓީމުގެ ތަޖުރިބާކާރު ވިންގާ ހެސޫސް ނަވާސް ބުނެފި އެވެ.
ނަވާސް ،38، އަކީ 2012ގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިންގެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން މިހާރު ގައުމީ ޓީމަށް ކުޅެމުންދާ ހަމައެކަނި ކުޅުންތެރިޔާ އެވެ. ވޯލްޑް ކަޕް 2010 ކާމިޔާބުކުރި ސްޕެއިންގެ ޓީމުގައި ވެސް ނަވާސް ހިމެނެ އެވެ.
ނަވާސް ވަނީ މި އަހަރުގެ ޔޫރޯ ތިން ފަހަރު ކުޅެން ނުކުމެފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަލްބޭނިއާއާ ދެކޮޅަށް ނިކުތް ސްޕެއިން ޓީމުގެ ކެޕްޓަންކަންކުރީ ނަވާސް އެވެ. އަދި ސެމީ ފައިނަލްގައި ޑެނީ ކާރްވަހާލްގެ ބަދަލުގައި ފުރަތަމަ 11ގައި އޭނާ ކުޅުނެވެ.
ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ފަރާތުން އިއްޔެ ބައިވެރިވިީ ނަވާސް އެވެ. އާންމު ގޮތެއްގައި ފަިއނަލްގެ ކުރިން އޮންނަ ޕްރެސް ކޮންފަރެންސްގައި ޓީމުގެ ކެޕްޓަނުން ބައިވެރިވިޔަސް، ނަވާސްގެ ފަހު މެޗަށްވާތީ ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާ އެ ފުރުސަތު ދިނީ ނަވާސްއަށެވެ.
"މިހާ ގިނަ އަހަރުތަކަށްފަހު، މި ޓީމުގައި އަހަންނަށް މި ހުރެވުނީ ކޮންމެވެސް ކަންތައްތަކެއް އަހަންނަށް ރަނގަޅަށް ކުރެވިފައިވާތީ ކަމަށް ގަބޫލްކުރަނީ. އަދި މި ތަށި ކާމިޔާބުކޮށްފިނަމަ، އެއީ މުޅި ޓީމަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް،" ނަވާސް ބުންޏެވެ.
ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުންދާ ނަވާސް ގައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރެވެ. މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް ޖުމްލަ 56 މެޗު ކުޅެފަ އެވެ.
ނަވާސް ބުނީ ފާއިތުވި ފަސް ވަރަކަށް އަހަރު އޭނާ ކުޅެމުންދިޔައީ އުނަގަނޑަށް ދިމާވެފައިވާ އަނިޔާއަކާއެކު ކަމަށެވެ. އެހެން ނަަމަވެސް، ގައުމު ތަމްސީލުކުރުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާ ކަމަށެވެ.
"މެޗަށްފަހު ތަދުހުރޭ. އެކަމަކު އަހަރެން ގަބޫލްކުރަނީ ދަނޑުމަތީގައި އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން،" ނަވާސް ބުންޏެެވެ.
މިދިޔަ ސީޒަނަށްފަހު ނަވާސް ސެވިއްޔާ ދޫކޮށްލާނެ ކަމަށް ކުރިން އޭނާ ބުންޏެެވެ. އެކަމަކު އެ ނިންމުން ބަދަލުކޮށް އޭނާ މިހާރު ނިންމާފައިވަނީ ޖެނުއަރީއާ ހަމައަށް އެ ޓީމަށް ކުުޅުމަށެވެ. ޖެނުއަރީއާ ހަމައަށް ސެވިއްޔާއާ ކުޅުމަށްފަހު، އޭނާ ކެރިއަރު ނިންމާލާނެ އެވެ.
"އެއީ މިހާރު ނިންމާފައިވާ ގޮތަކީ. އެ ނިންމުމަށް ދެން ބަދަލެއް ނާންނާނެ،" ނަވާސް ބުންޏެވެ.