ބާލިން (15 ޖުލައި) – ޔޫރޯގެ ފައިނަލްގައި މިރޭ އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، ސްޕެއިން ހަތަރު ވަނަ ފަހަރަށް ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ކާމިޔާބާއެކު، ސްޕެއިން އަށް ވަނީ ޔޫރަޕްގެ ސަރަހައްދީ މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ހޯދާފައިވާ ޓީމުގެ ރެކޯޑް ލިބިފައެވެ. އަދި މުޅި މުބާރާތުގައިވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސްޕެއިން އަކީ ސައްތައިން ސައްތަ ރެކޯޑަކާއެކު ޔޫރޯ ކާމިޔާބުކުރި ފުރަތަމަ ޓީމެވެ.
ބައިނަލްއަޤްވާމީ މުބާރާތެއްގެ ތައްޓެއް ހޯދުމަށް 58 އަހަރު ދިގު އިންތިޒާރެއް ކުރަމުންދާ އިންގްލެންޑަށް ފައިނަލްގެ ހިތްދަތިކަން ބޮޑެވެ. މިއީ ޔޫރޯގެ ފައިނަލްގައި އިންގްލެންޑް ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ.
މަދު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު ފުރަތަމަ ހާފަށްފަހު، ސްޕެއިން އިން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު ނީކޯ ވިލިއަމްސް ޖެހި ލަނޑުންނެވެ.
އިންގްލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވިލިއަމްސްއަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މެޗުގެ 73 ވަނަ މިނިޓުގައި އިންގްލެންޑް އިން ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޗެލްސީގެ މިޑްފީލްޑަރު ކޯލް ޕާލްމާ ޖެހި ލަނޑުންނެވެ. ޖޫޑް ބެލިންގްހަމް ޖައްސާލި ބޯޅަ، ޕާލްމާ ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މެޗުގެ 86 ވަނަ މިނިޓުގައި ސްޕެއިން އިން ލީޑު ނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މިޑްފީލްޑަރު މިކޭލް އޮޔަޒަބާލް ޖެހި ލަނޑުންނެވެ. ސްޕެއިންގެ މާކް ކުކުރެލާ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަށް އިންގްލެންޑްގެ ޑިފެންޑަރުގެ ކުރިން އަރައި، އޮޔްޒަބާލް ވަނީ ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި އިންގްލެންޑް އިން ކޯނަރަކުން އުފެއްދި ނުރައްކާތެރި ހަމަލާއެއް، ގޯލުގެ ރޮނގުމަތިން ދިފާއުކުރީ ސްޕެއިންގެ ޑެނީ އޮލްމޯ އެވެ.