ނިޔަފަތި ކުރުކޮށް ބެހެއްޓުމަކީ ސާފުތާހިރުކަމުގެ ސިފައެކެވެ. ސުންނަތުން ސަބިތުވަނީ ކޮންމެ 40 ދުވަހަކުން ނިޔަފަތި ކެނޑުމަށެވެ. ޖަނަވާރުންނާއި، އެހެނިހެން ދީންތަކާއި، އިސްލާމްދީނާއި ބީރަށްޓެހި ސަގާފަތްތަކުގައި ނިޔަފަތި ވަކި އުސޫލަކުން ކަނޑާއި ސާފުކުރުން ނެތުމަކީ އިސްލާމްދީނުގައި ސާފުތަހިރު ކަމަށް އަހަމިއްޔަތުކަން ދީފައިވާ މިންވަރު އަންގައިދޭ ކަމެކެވެ.

ނިޔަފަތި ރީތިކޮށް ކަނޑައި ސާފުކޮށްފައިވާނަމަ އެކަމަކީ ހިތްހަމަޖެހުމާއި އަމިއްލަ ނަފުސާމެދު ދެކޭގޮތް ރަނގަޅު ކޮށްދޭނެ ކަމެކެވެ. މިސާލަކަށް ގިނަ މީހުން ޖަމާވެފައިވާ މުހިންމު ހަފްލާއެއްގައި، މީހުންނާއި ސަލާން ކުރަންޖެހިފައި އަމިއްލަ ނިޔަފަތިތައް ސާފުކޮށްހުރިނަމަ، ސަލާން ކޮށްލެވޭނީ ވަރަށް އުފަލުން ހުރެ އެވެ. އެއީ އެނިޔަފަތިތަކަށް އެހެން މީހުނަށްގެ ނަޒަރު ހުއްޓި ތިމާގެ ސާފުތާހިރު ކަމާދޭތެރޭ ސުވާލު އުފެދުމުގެ ޗާންސެއް ވެސް ނޯންނާނެތީ އެވެ.

ނިޔަފަތި ދިގުނަމަ، ނިޔަފަތީގެ ދަށުގައި ކިލާ އަދި ފެން ހަރުލާފައި ހުރުމަށް މަގުފަހިވެ އެވެ. މި ދެހާލަތަކީ ޖަރާސީމު އަށަގަނެ، އާލާވުމަށް ފަސޭހަ ކޮށްދޭ ދެހާލަތެވެ. އެމެރިކަން ޕޯޑޭޓްރިކް މެޑިކަލް އެސޯސިއޭޝަން މަޖައްލާގައި ޝާއިއުކުރި ދިރާސާއެއްގައި ވަނީ ނިޔަފަތީގެ ދަށުގައި 32 ވައްތަރުގެ ޖަރާސީމާއި 28 ވައްތަރުގެ ފަންގަސް ހުރި ކަމަށް ހޯދިފައިވާ ކަމަށެވެ. މިކަމުން ނިފަތި ކުރުކޮށް ބެހެއްޓުމުގެ މުހިންމުކަން ދޭހަވެގެންދެ އެވެ.

ނިޔަފަތި ކައި، މޫނުގައި އަތްލައި ހެދޭނަމަ، ނިޔަފަތީގެ ދަށުގައިވާ ޖަރާސީމު ވަރަށް ފަސޭހައިން މޫނަށާއި، ނޭފަތަށާއި އަދި އަނގައިގެ ތެރެއަށް ދިއުމުގެ ޗާންސް އޮވެ އެވެ. މިގޮތަށް ނޭފަތަށް ފޯރާ ޖަރާސީމު ފުއްޕާމެއަށް ވާސިލުވެ، ނެވާލުމުގެ ނިޒާމަށް ޖެހޭ ނިއުމޯނިއާ ފަދަ ފުރާނައަށް ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު އޮވެ އެވެ. ސިއްހަތާބެހޭ މާހިރުން ލަފާދެއްވަނީ ކޮންމެ ހަފްތާއަކު އެއްފަހަރު ނިޔަފަތި ކަނޑާ ކައިރިފަށް އޮމާންކޮށްފައި ބެހެއްޓުމަށެވެ.

ނިޔަފަތި ދިގުނަމަ ކުޑަކުދިންނަށް ވެސް ނުރައްކާވޭ

ކުޑަކުދިން ދުވާލުގެ ގިނަ ވަގުތު ސްކޫލުގައި ހޭދަކުރާއިރު، އެކުދިން ގެ ނިޔަފަތި ދިގުކޮށް ހުރުމަކީ އެކުއްޖާ އަށާއި އަދި އެހެން ކުދިންނަށް ވެސް ނުރައްކާތެރި ކަމެކެވެ. ކުޅެ އުޅުމުގެ ތެރޭގައި ވަކިއެޅި އެކި ހާނިކަވާ ފަހަރު އާދެ އެވެ. މީގެ އިތުރުން ބިންމަތީގަ އާއި އެހެނިހެން ތަންތާންގައި އަތްލައި، ނިޔަފަތީގެ ދަށަށް ޖަރާސީމު ވަދެފައި ވަނިކޮށް އެކުދިންގެ އަނގަޔަށާއި ނޭފަތަށް އަތްލައި ހެދެ އެވެ.

ނިޔަފަތި ދިގުނަމަ. އަތް ދޮވުނު ނަމަވެސް ނިޔަފަތީގެ ދަށުގައިވާ ޖަރާސީމުތައް ހަށިގަނޑުގެ ތެރެއަށް ފަސޭހައިން ވާސިލްވާނެ އެވެ. ވީމާ ބެލެނިވެރިން ކުދިން ސްކޫލަށް ފޮނުވުމުގެ ކުރިން، ނިޔަފަތި ކެނޑުމަށް ޚާއްސަ ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

ގިނައިން ފެނާ ކުޅޭނަމަ ނިޔަފަތި މަޑުވެ، ފަސޭހައިން ހަލާކުވޭ

ގިނައިން ފެނަށް އަތްލައިގެން އުޅޭނަމަ ނިޔަފަތިތައް މަޑުވެ ފަސޭހައިން ހަލާކުވުމަށް މެދުވެރިވެ އެވެ. މިކަމަށް އޮތް ހައްލަކީ ފެނުގައި އަތްލުމަށްފަހު އަވަހަށް އަތް ފޮހުމެވެ. ނުވަތަ ތަށިދޮވެ ހެދުން ކަހަލަ ކަމެއްކުރާނަމަ، ރަބަރު އަންގިލެއްވުމެވެ.

ހަށިގަނޑުން ވިޓަމިން މަދުވުމާއި، އިންފެކްޝަންނެއް ހުރުމާއި އަދި ތައިރޮއިޑްގެ މައްސަލަތަށް އުޅޭނަމަ ނިޔަފަތްޗަށް އަންނަ ބަދަލުތަކެއްވެ އެވެ. އޭގެ ތެރޭގައި، ކުލަ ބަދަލުވުމާއި، އޮމާންކަން ނެތިގޮސް ކުރަކިވުމާއި އަދި އަވަހަށް ހަލާކުވުން ހިމެނެ އެވެ. މިކަމުން ސަލާމަތްވެ ހުރުމަށް ގިނަ އަދަދަކަށް ތަރުކާރީއާއި މޭވާ އަދި ހަށިގަނޑު ބޮޑުކޮޑޭ ކާނާ (ޕްރޮޓީންސް) ބޭނުންކުރުން ވަރަށް މުހިންމެވެ.

އޭގެ އިތުރުން ދުވާލަކު އެންމެ މަދުވެގެން 8 ތަށިފެން ބުއިން ވެސް ވަރަށް މުހިންމެވެ. ކުރިން ފާހަގަ ކޮށްލެވުނު ކަންކަމުގެ ސަބަބުން ނިޔަފަތި ކުރުކޮށް ބެހެއްޓުމުގެ މުހިންމުކަށް ދޭހަވެގެންދެ އެވެ. ނިޔަފަތްޗަށް އެއްވެސް ކަހަލަ ބަދަލެއް އަންނަކަން ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ސިއްޚީ ފަރުވާ ހޯދުން ވެސް ވަރަށް މުހިންމެވެ.