ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަކީ ސައުދީގެ އިތުރުން މެދު އިރުމަތީގެ އެންމެ ބާރުގަދަ ބޭފުޅާ އެވެ. ބައްޕާފުޅު އަދި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގިނަ ބާރުތައް ހަވާލު ކުރައްވާފައި އޮންނަނީ ވެސް ވަލީ އަހުދު މުހައްމަދާ އެވެ. މުހައްމަދުގެ ނުފޫޒާއި ބާރު މެދު އިރުމަތީގައި އެންމެ ބޮޑަށް ގަދަވެފައި އޮތް ސަބަބަކީ ދުނިޔޭގެ އެންމެ ވަރުގަދަ ބާރު ކަމަށްވާ އެމެރިކާގެ މަދަދާއި އެހީ ދާދިފަހަކާ ޖެހެންދެން އޭނާއަށް އޮތުމެވެ. އެހެން ނަމަވެސް، އެމެރިކާގެ އާ ރައީސް ޖޯ ބައިޑަންގެ ވެރިކަމަށް މަހެއް ވީތަނާހެން، މި މަންޒަރު ބަދަލުވާން ފަށައިފި އެވެ.

ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މުހައްމަދު އިސްވެ ހުންނަވައިގެން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ސައުދީން ހިންގާ އަސްކަރީ އޮޕަރޭޝަނަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށް ދިނުން މަޑުޖައްސާލަން ބައިޑަން ނިންމެވީ އޭނާގެ ވެރިކަމަށް ދެ ހަފުތާ ވެސް ނުވަނީހެވެ. މިއީ މެދު އިރުމަތީގައި އެމެރިކާ އިން އެތައް ޒަމާނެއް ވަންދެން އެންމެ ގާތް ގުޅުމެއް ބޭއްވަމުން އައި ސައުދީއަށް ދިން ފުރަތަމަ ސިގްނަލެވެ. ސައުދީގެ ޝާހީ އާއިލާއަށް އަދި ޚާއްސަކޮށް މުހައްމަދަށް ފާޅުގައި ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ހަޝޯގީ އަނިޔާވެރި ގޮތަކަށް ތުރުކީގައި ހުންނަ ސައުދީ އެމްބަސީ ތެރޭގައި މަރާލި ހާދިސާއާ ގުޅިގެން އެމެރިކާ އިން އިއްޔެ ނެރުނު ރިޕޯޓުގައި ތުހުމަތުގެ އިނގިލި އަމާޒުކުރީ މުހައްމަދަށެވެ.

ހަޝޯގީ މަރާލުމުގައި ބައިވެރިނުވާ ކަމަށް މުހައްމަދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިޔަސް، އެމެރިކާގެ ޖާސޫސީ އިދާރާ ކަމަށްވާ، ސީއައިއޭ އިން މި ރިޕޯޓް ތައްޔާރު ކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެހެން ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ސައުދީ ރަސްކަމާ އޮތް ގާތް ގުޅުމުގެ ސަބަބުން މި ރިޕޯޓް އިއްޔެއާ ހަމައަށް އޮތީ ސިއްރުކޮށްފަ އެވެ. މީގެ އިތުރުން ބައިޑަން ވަނީ އޭނާ މަޝްވަރާ ކުރައްވާނީ ސައުދީގެ ރަސްގެފާނާ އެކަނި ކަމަށް ވިދާޅުވެފަ އެވެ. ހަޝޯގީގެ މައްސަލާގައި އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅުތައް ސައުދީގެ 76 މީހަކަށް މިހާރު ވަނީ އަޅައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވަލީ އަހުދު މުހައްމަދަކީ ބައިޑަންގެ ސަރުކާރުން އެހާ ގަޔާވާ ބޭފުޅެއް ނޫނެވެ. ސައުދީ ރަސްކަމާ ދެން ހަވާލުވާން އެމެރިކާ އެންމެ ބޭނުންވަނީ ކުރީގެ ވަލީ އަހުދު މުހައްމަދު ބިން ނާއިފެވެ. ނާއިފަކީ 2017 ވަނަ އަހަރު މުހައްމަދުގެ ބާރު ސައުދީ ރަސްކަމުގައި ގަދަވާން ފެށުމުގެ ކުރިން ސައުދީ ޝާހީ އާއިލާގައި އެމެރިކާއާ އެންމެ ގާތް ގުޅުމެއް ބޭއްވި ބޭފުޅާ އެވެ. ސައުދީގެ ދާޚިލީ ވަޒީރަކަށް ނާއިފް ހުންނަވައިގެން ސައުދީގައި އަލްގައިދާ ޖަމާއަތުގެ ބާރު ފޮހެލަން އެމެރިކާއަށް އެހީވުމަކީ ނާއިފް އާއި އެމެރިކާގެ ގުޅުން ބޮޑުވި ސަބަބެވެ.

ނާއިފް މިހާރު ހުންނެވީ ވަލީއަހުދުގެ މަގާމުން ދުރުކޮށް، އަދި ކޮރަޕްޝަންގެ ތުހުމަތުގައި ގޭ ބަންދުގަ އެވެ. މުހައްމަދު ގެންދަވަނީ އޭނާއަށް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭ އެންމެން ހައްޔަރުކޮށް، ދައުވާތައް ކުރަމުންނެވެ. މިއީ ވެސް އެމެރިކާއިން މުހައްމަދު ދެކެ ހިތްހަމަނުޖެހޭ އަނެއް ސަބަބެވެ. ސައުދީގެ ޒުވާނުންގެ މެދުގައި މުހައްމަދުގެ މަގްބޫލުކަން ބޮޑަސް، އެމެރިކާއިން އޭނާއާ މެދު ހިތްހަމަނުޖެހުމަކީ ސައުދީއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.

ސައުދީ އާއި އެމެރިކާގެ ގުޅުން ގޯސްވުމުގެ ސިގްނަލްތައް ފެނުމަކީ ސައުދީގެ އެންމެ ބޮޑު ދުޝްމަނު ކަމަށްވާ އީރާނަށް ލިބޭ ބޮޑު ފައިދާއެކެވެ. ޓްރަމްޕްގެ ވެރިކަމުގައި އީރާނާ އެކު އޮތް ނިއުކްލިއާ އެއްބަސްވުން އުވާލައި އަދި ހަރުކަށި ފިޔަވަޅުތައް އަޅަމުން ދިޔަޔަސް، ބައިޑަންގެ ސަރުކާރުގެ ވިސްނުމަކީ އެ ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު އީރާނާ އެކު އާ އެއްބަސްވުމަކަށް އައުމެވެ. މިއީ މެދު އިރުމަތީގައި އެންމެ ބޮޑަށް އެކަނިވެރިފައި އޮތް އީރާނުގެ ބާރު އެތައް ޒަމާނަކަށް ފަހު ގަދަވާން ފަށާފާނެ ކަމަށް ބެލެވޭ ސަބަބެކެވެ. އީރާނުން މިހާރު ވެސް ގެންދަނީ ސައުދީ ވަށައިގެން ހުރި ގައުމުތައް ކަމަށްވާ ޔަމަނާއި ސީރިއާ އާއި ލުބްނާނާއި އިރާގު ފަދަ ގައުމުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީވަމުންނެވެ. އެހެންކަމުން އެމެރިކާގެ އެހީ ސައުދީއަށް މަދުވާ ނަމަ، އެ ގައުމުން ދެން އެނބުރޭނީ ޗައިނާ އާއި ރަޝިއާ ފަދަ ބާރުތަކުގެ އެހީއަށް ކަމަށް ބެލެވެ އެވެ.