އެމެރިކާގެ ރައީސް ޖޯ ބައިޑެން އަލުން އިންތިހާބަށް ކުރިމަތިނުލައްވާނެ ކަން އިއުލާނު ކުރައްވައިފި އެވެ.

މިރޭ ނެރުނު ބަޔާނެއްގައި ބައިޑެން ވިދާޅުވެފައިވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމެވީ ޕާޓީއަށާއި ގައުމަށް އެންމެ ފައިދާ ހުރި ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ބައިޑެން ވާދަ ނުކުރައްވަން ނިންމާފައި މިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަތަރު މަހަށް ވެފައި ވަނިކޮށެވެ. މިގޮތަށް ނިންމަވާފައި މިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު ރިޕަބްލިކަން ޕާޓީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އިދިކޮޅަށް ކުރެއްވި ބަހުސްއަށް ފަހު، ޑިމޮކްރެޓުންގެ ޕްރެޝަރުތަކާ ގުޅިގެންނެވެ.

ބައިޑެންގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކޮށްފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ރައީސްކަން ކުރެއްވުމަކީ އެމަނިކުފާނުގެ ހަޔާތުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ޝަރަފު ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ޕާޓީއަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ، އަޅުގަނޑު ފަހަތަށް ޖެހި، ދައުރުގެ ބާކީ އޮތް މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ސަމާލުކަން ދިނުން،" ބައިޑެން ވިދާޅުވި އެވެ.

އޭގެ އިތުރުން އަންނަ ހަފުތާގައި އެކަމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.