އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މައި ޖަގަހައިގައި ގަރުދިޔަ އާއި ބަތް ކެއުމުގެ އިވެންޓެއް ރޭ ބާއްވައިފި އެވެ.

ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށީ ޖަގަހައިގައި ރޭ ބޭއްވި ގަރުދިޔަ އާއި ބަތުގެ އިވެންޓުގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. ޕާޓީގެ ގައުމީ މަޖިލީހާއި ޕާޓީ އަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ މީހުން ވަނީ ދިވެހިންގެ މައިގަނޑު ކެއުން އަދި ގިނަ ދިވެހިންގެ މެދުގައި އެންމެ މަގްބޫލް އެ ކެއުމުގައި ބައިވެރިވެފަ އެވެ.

އެމްޑީޕީން ރޭގެ ބައްދަލުވުން ޕްރޮމޯޓްކޮށްފައި ވަނީ "ދިވެހިންގެ ފަޚުރުވެރި ގަރުދިޔަ ކާލަން އާދޭ" ގެ ނަމުގަ އެވެ.

ގަރުދިޔަ އާއި ބަތް ސިޔާސީ ޓެގްލައިނަކަށް މި ފަހުން ބަދަލުވެފައި ވަނީ ވެރިކަން ކުރާ ޕީއެންސީގެ ޖަގަހައިގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ގައުމުގެ އިގްތިސާދީ ހާލަތާ ގުޅުވައި އޭނާ ވިދާޅުވެފައި ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން މި ދުވަސްވަރު ގެއިން ބޭރުން އޯޑަރު ދީގެން ގެންނަ ކާތަކެތީގެ ބަަދަލުގައި ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލައި ގަރުދިޔަ އާއި ބަތް ކައިގެން އުޅެން ޖެހޭ ކަމަށެވެ.

އޭނާގެ އެ ވާހަކަތަކާ ގުޅިގެން އާއްމުންގެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ ޕީއެންއެފްގެ ޖަލްސާތަކުގައި ކުރީގެ ރައީސް ޔާމީން، ޕީއެންސީގެ ޖަގަހަ ސިފަކުރައްވާފައި ވަނީ ގަރުދިޔަ ޖަގަހައިގެ ގޮތުގަ އެވެ.