ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމަށްވާ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއާބަސްގެ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެެޑާއި ޓްރޫނޯޑްއާ ދެމެދުގަ އެވެ. ޓްރޫނޯޑްއަކީ އެއާލައިންތަކަށް މަތިންދާބޯޓު ފޯރުކޮށްދޭ ކުންފުންޏެކެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާޒެވެ. ޓްރޫނޯޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ކާސްޓް ލިންޑްބޫމް އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން މީހުން އުފުލޭ މިންވަރު އިތުރުވެ، ނަތީޖާއެއްގެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިކަމަށް ހަރަދުކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ 330-200 ބްރޭންޑުގެ މަތިންދާބޯޓުތަކެކެވެ. މި ބޯޓު 13000 ކިލޯ މީޓަރު ދުރަށް އެއްވެސް އެއާޕޯޓެއްގައި ނުޖައްސާ ޑައިރެކްޓުކޮށް ދަތުރުކުރާނެ އެވެ. އަދި މިއީ ނެރޯ-ބޮޑީ މަތިންދާބޯޓެއް ދަތުރުކުރާ ރާސްތާއާ އަޅާބަލާއިރު ތިން ގުނަ އިތުރު ދުރުމިނެއް ކަމަށް އިޔާޒް ވިދާޅުވި އެވެ.
އިޔާޒް ވިދާޅުވީ މި އަހަރުގެ ފަހުކޮޅު އެ ބޯޓްތައް ނެގެވުމާއެކު ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށް ކަމަށެވެ. އަދި މުސްތަގުބަލުގައި ޔޫރަޕާއި ސައުތު އެފްރިކާގެ ގައުމުތަކަށްވެސް ދަތުރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.