ދާދިފަހުން ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހްރުކް ޚާން މުމްބާއީގެ ހޮސްޕިޓަލަކުން ހެދި ލޮލުގެ ސާޖަރީއެއް ގޯސްވެ އިތުރު ފަރުވާއަށް އެމެރިކާއަށް ފުރައިފި ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ޝާހްރުކް ޚާން މުމްބާއީގެ ހޮސްޕިޓަލަކުން ހެދި ލޮލުގެ ސާޖަރީގެ ސަބަބުން ލޮލަށް އުނދަގޫތަކެއްވާތީ އިތުރު ފަރުވާއަށް ވަނީ ބޭނުންވެފަ އެވެ.

އެހެން ކަމުން އިއްޔެގެ ވަގުތެއްގައި އޭނާ އެމެރިކާއަށް ފުރާފައިވާ ކަމަށް ބުނެވެ އެވެ. އެހެން ނަމަވެސް މިކަމުގެ އެއްވެސް މައުލޫމާތެއް ޝާހްރުކް ޚާންގެ ޓީމުން ހިއްސާކޮށްފައެއް ނުވެ އެވެ.

މިދިޔަ މެއި މަހު ކުރިއަށް ދިޔަ އިންޑިއަން ޕްރިމިއާ ލީގް މެޗެއްގެ ތެރެއިން ވެސް ޝާހްރުކް ޚާންގެ ސިއްހީ ހާލަތު ދަށްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

އެ ފަހަރު ޝާހްރުކް ޚާންގެ ހާލަތު ގޯސްވީ ހޫނުގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކެއް ޖެހިގެން ކަމަށް އޭނާގެ ގާތް އެކުވެރިޔާ ޖޫހީ ޗާވްލާ މީޑިއާއަށް މައުލޫމާތު ދިނެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޝާހްރުކް ޚާން މިހާރު އަންނަނީ އޭނާގެ ދަރިފުޅު ސުހާނާ ޚާންއާއެކު ފެނިގެންދާ ފުރަތަމަ ފިލްމު "ކިންގް"ގެ މަސައްކަތް ކުރަމުންނެވެ.