ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކަންކަން ހަމަމަގަށް އެޅުވުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ސީދާ ހަރަކާތަށް ދިއުމަށް ނިންމައިފި އެވެ.
އެމްޑީޕީ މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމްޑީޕީން އަންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ތިބެން ދަތިވޭ، އާންމު ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ދޭން ފަށާ ހިސާބުން. މީހުން ވަޒީފާތަކުން ކަނޑަނީ. އެއްޗެހީގެ އަގު އެތައް ގުނައެެއ ބޮޑުވެން މިދަނީ. ކުރިއަށް އޮތް ތަނުގައި ކޮންޓްރެކްޓަރުންނާއި އެ މީހުންގެ ވަޒީފާގައި ތިބި މުވައްޒަފުންނަށް މުސާރަ ދެވޭނެ ކަމެއް ނޭނގޭ. އެހެންވީމާ އަޅުގަނޑުމެން ތައްޔާރުވާންޖެހޭ މި ނޫން ހާލަތަކަށް ސަރުކާރަށް މި ވާހަކަ އަޑުއިއްވަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުން ދީފައިވާ ވަޒީފާތަކުން މީހުން ވަކިކޮށް ތަކެތީގެ އަގު ބޮޑުވަމުން ދާއިރު، ސަރުކާރަށް އެ ވާހަކަތައް އަޑު އިއްވަން "މި ނޫން ހާލަތަކަށް" އެމްޑީޕީ ތައްޔާރުވާން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރޭގެ ޖަލްސާގައި ވަނީ ސަރުކާރުން ދީފައިވާ ވަޒީފާތަކުން ވަކިކުރާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް އެމްޑީޕީން މިހާތަނަށް ޖާގަ ދީފި ކަމަށާއި ތާއަބަދު އެ ގޮތަށް އެ ޕާޓީން ތިބުމުގެ މާނައެއް މިހާރު ނެތް ކަމަށެވެ.
މި ސަރުކާރުން ނުހައްގުން މީހުން ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް ބުނެ އެމްޑީޕީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޑީޕީން ތުުހުމަތުކުރާ ގޮތުންނަމަ ސަރުކާރާ ހިޔާލު ތަފާތުވާ މީހުންނަށް ވަޒީފާގެ ބިރު ވެސް ދައްކަ އެވެ. އެކަމަކު އެ ވާހަކަތައް ސަރުކާރުގެ ވެރިން ދޮގުކުރެ އެވެ.