ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަލްމާން ޚާންއާއި އާމިރު ޚާންއަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ތަރިންނަށްވާއިރު އެ ދެތަރިން އެކުގައި ފެންނާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ.

އެންމެ ފަހުން އާމިރު ޚާންގެ ޕްރޮޑަކްޝަން ހައުސްއިން އެފަދަ ޕްރޮޖެކްޓެއްގެ އިޝާރާތެއް އާއްމުންނަށް ދޫކޮށްލާފައިވާއިރު ސަލްމާންއާއި އާމިރު އެކުގައި ފެނުމުގެ ފުރުސަތު ގާތް ކަމަށް ހަބަރުތައް ބުނެ އެވެ.

އާމިރު ޚާންއާއެކު މަސައްކަތް ކުރުމާ ބެހޭގޮތުން ތަންކޮޅެއް ކުރިން ސަލްމާން ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރަމުން އެ ކުންފުނިން ބުނެފައިވަނީ އެކަމާމެދު ވަރަށް ފުންކޮށް ވިސްނާ ކަމަށެވެ.

އެއާއެކު ސަލްމާން ޚާން ހިމެނޭ ފިލްމެއް އެ ކުންފުނިން އުފައްދަން އުޅޭ ކަމަށް އަޑު ފެތުރުނުއިރު އެ ފިލްމުގައި އާމިރު ވެސް ފެނިގެންދާނެ ކަމަށް އެ އަޑުތައް ބުނެ އެވެ. އެހެން ނަމަވެސް މިކަމުގެ ޔަގީން ކަމެއް އާމިރުގެ ކުންފުނިން ދީފައިނުވާއިރު ބެލުންތެރިން އަންނަނީ އެކަން ސާފުކޮށްދިނުމަށް އެދެމުންނެވެ.

ސަލްމާންއާއި އާމިރު ޚާން އެންމެ ފަހުން އެކުގައި ފިލްމަކުން ފެނިފައިވަނީ 1994 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "އަންދާޒް އަޕްނާ އަޕްނާ" އިންނެވެ.