ރާއްޖެއިން ނަގާފައިވާ ދަރަނިތައް ބަރާބަރަށް އަދާކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.

ކްރެޑިޓް ރޭޓިން އެޖެންސީއެއްކަމަށްވާ މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ބަދަލުކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއެމްއޭ އިން ބުނީ ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓީން ސީއޭއޭ1 އިން ސީއޭއޭ2 އަށް ބަދަލުކުރީ، ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އިތުރުވުންކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ޗާޕުކޮށްފައިވާ 8 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވުމަކީ ވެސް މޫޑިސްގެ ރޭޓިން ބަދަލުކުރި ސަަބަބެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.9 އިންސައްތައިން މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 އިންސައްތާގައިކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.

މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ އެ ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުންކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށް އެމްއެމްއޭ އިން ފާހަގަކުރި އެވެ. މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ މިއަހަރުގެ ޖުލައި މަހާއި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަތުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް ވަނީ ހަތް އިންސައްތަ އިތުރުވެފައިކަމަށެވެ.

ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ އޮގަސްޓު މަސް ނިމުނުއިރު އިތުރުވެފަ އެވެ. އެގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރަށް އަރާފަ އެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނުއިރު ހުރީ 61.22 މިލިއަން ޑޮލަރު ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރެ އެވެ.

މީގެ އިތުރުން ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރުފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވާއިދު އިސްލާހުކޮށް މި މަހު އިއުލާންކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. އަދި އެ ޕޭމެންޓް ދައްކަންޖެހޭ ތާރީޚަށް ބަރާބަރަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.