ރައީސް މުހައްމަދު މުއިއްޒު އޮޅުވާލައިގެން ޕީއެންސީއަށް މީހުން ވައްދާ ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ތުހުމަތުކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު އުފައްދަވައިގެން އުޅުއްވާ ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ މަލީހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު އޮޅުވާލައިގެން ޕީއެންސީއަށް މީހުން ވެއްދުމަކީ ހިންގާ ބޮޑު ޖަރީމާއެއްކަމަށާއި އެއީ ޑިމޮކްރަސީއާއި ބީރައްޓެހި ހުދުމުހުތާރު ސިފައެއް ކަމަށެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ މީހެއްގެ މެސެޖްތަކެއްގެ ސްކްރީން ޝޮޓެއް ހިއްސާކުރަށްވަމުންނެވެ. އެ މެސެޖްތަކުގައި ބުނާ ގޮތުން އައްޑޫ ސިޓީ މަރަދޫގައި ޕީއެންސީއަށް ފޯމު ފުރަނީ ރައީސް ޔާމިންގެ ޕާޓީ ޕީއެންއެފްގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ކަމަށާއި އަދި ރިޒޯޓްތަކުގައި ތިބި މީހުންގެ ފޯމުވެސް ވޯޓް ލިސްޓް ބަލައިގެން ފުރަމުންދާކަމަށެވެ.

"ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ޕީއެންސީއިން ތިޔަ ހިންގާ ނާތަހުޒީބު އަމަލު ހުއްޓާލަން ގޮވާލަން." މަލީހުގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕާޓީ ޕީއެންސީއިން ވެރިކަމަށް އައިއިރު އެ ޕާޓީގައި ތިބީ 4000 އަށް ވުރެ މަދު މެންބަރުންނެވެ. ނަމަވެސް ޕީޕީއެމްގެ ނަމާއި މެންބަރުން އަދި ވަސީލަތްތައް ބޭނުންކޮށް ވެރިކަމާހަމައަށް އާދެވުނުފަހުން ޕީޕީއެމްގެ ނަން މިހާރު ނުކިޔާކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ސޮއިކުރުމަށް މަޖުބޫރު ވާގޮތަށް ކަންކަން ދަނީ އިންތިޒާމްކުރަމުންކަމަށް ޕީޕީއެމްގެ މެންބަރުން ބުނެ އެވެ. އެގޮތުން ކުރިއަށް އޮތް ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ކޯލިޝަން ޕާޓީ ޕީޕީއެމްގެ މެންބަރުންނަށް ބައިވެރި ނުވެވޭގޮތަށް ވަނީ ނިންމާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ޕްރައިމެރީގައި ޕީޕީއެމްގެ މެންބަރުންނަށް ވޯޓު ލެވުނެވެ. މިހާރު ސަރުކާރުގެ އަމާޒަކީ ޕީއެންސީއަށް ޕީޕީއެމްގެ ހުރިހާ މެންބަރުން ބަދަލުކޮށް 75،000 މެންބަރުން ހަމަކުރުންކަމަށް ސަރުކާރުގެ ބައެއް އިސްފަރާތްތަކުން ބުނެފައިވެ އެވެ.