އިންސާނުންގެ ތެރޭގައި އާދަޔާ ޚިލާފު ދިގު މީހުން އުޅުނު ކަމަށް ބައެއް ފްލޯކް ވާހަކަތަކާއި ބައެއް ދީނީ ފޮތަތަކުގައި އޮތް ކަމަށް ވިޔަސް ސައިންސްވެރިން ގަބޫލުކުރަމުން އަންނަނީ އެންމެ ފުރަތަމަ ދުނިޔޭގައި އުޅުނު އިންސާނުން މިހާރުގެ މީހުންނަށް ވުރެ މާކުރުވާނެ ކަމަށެވެ. މި ތިއަރީއާ ފުށުއަރާ ފަދަ ގޮތަކަށް އާދަޔާ ޚިލާފު ދިގު އިންސާނުން މީގެ އެތައް ހާސް އަހަރެއްގެ ކުރިން އުޅެފައިވާކަން ގަބޫލު ކުރަންޖެހޭ ފަދަ ހޯދުންތަކެއް މިހާރު ވަނީ ފެނިފަ އެވެ.
އާސާރީ ހޯދުންތައް ހޯދުމަށް ކޮންނަމުން ދިޔަ ބަޔަކަށް އެމެރިކާގެ ނެވާޑާގެ ހޮހަޅައަކުން ފެނުނު އިންސާނުންގެ ކަށިތަކަކީ ހިސާބަށް ވުރެ ދިގު ކަށިތަކެކެވެ. އެ މަސައްކަތް ކުރި ޓީމުން ބުނާ ގޮތުގައި އެ ހޮހަޅައިން ފެނުނު ބައެއް ގަބުރުތައް ވަނީ ކުނިނުވާ ގޮތް ވެސް ހަދާފަ އެވެ. އެ މަސައްކަތް ކޮށްފައިވަނީ މިސްރުގެ އަހުރާމުތަކުގައި ހުރި ގަބުރުތައް ވެސް ހަލާކުނުވާ ގޮތަށް ހަދާފައި ހުންނަ ފަދަ ގޮތަކަށެވެ.
ހޮހަޅައިން ފެނުނު ކަށިތަކާއި ކުނިނުވާ ގޮތަށް ހަދާފައިވާ ގަބުރުތަކާއެކު އެ ހިސާބުގަނޑުގައި ޒަމާނުއްސުރެ ދެކެވެމުން އަންނަ ފްލޯކް ވާހަކައެއްގެ އަޑު މިހާރު ވަނީ ގަދަވެފަ އެވެ. ވާހަކައިގައި ކިޔާ ގޮތުން މީގެ 1000 އަހަރެއްގެ ކުރިން ހުޅަނގު ދެކުނު އެމެރިކާގައި ބާރު ގަދަކޮށްގެން އުޅުނީ އާދަޔާ ޚިލާފު ބިޔަބޮޑު އިސްކޮޅުން ދިގު ބައެކެވެ.
ބުނެވޭގޮތުގައި އެމީހުން ނެވާޑާ ސަރަހައްދަށް ދިޔައީ ކަނޑު ހުރަސްކޮށް ބޯޓު ފަހަރުގަ އެވެ. އެދިޔަގޮތަށް މުޅި ހިސާބުގަނޑަށް އަތްގަދަކޮށް އެހިސާބުގެ އެހެން ގަބީލާތަކަށް އުޅެން އުނދަގޫކުރި އެވެ. ސީ-ޓެ-ކާގެ ނަމުން ނަން ދީފައިވާ މި ބިޔަ މީހުން އެ މީހުންނަށް އަތުޖެހުނު ބަޔަކު މަރައި އެމީހުންގެ މަސްކައި އުޅުނު ކަމަށްވެ އެވެ.
ނެވާޑާގައި މައިން ކޮންނަން އުޅުނު ބަޔަކަށް 1911 ވަނަ އަހަރު އެ ސަރަހައްދުގެ ބިންގަނޑުން އާދަޔާ ޚިލާފު ބާވަތްތަކެއް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން އާކިއޮލޮޖިސްޓުންގެ ޓީމަކުން އެހިސާބުގަނޑު ކޮނުމުގެ މަސައްކަތް 2012 ވަނަ އަހަރާއި 2024 ވަނަ އަހަރު ކުރިޔަށް ގެންދިޔަ އެވެ.
މި ޓީމުގެ މަސައްކަތުން ފެނުނު ތަކެތީގެ ތެރޭގައި އިސްކޮޅުން ދިގު އިންސާނުންގެ ކަށިތަކާއި ހަލާކު ނުވާގޮތަށް ހަދާފައި ހުރި ބައެއް ގަބުރުތަކުގެ އިތުރުން އެމީހުން ބޭނުންކޮށްފައި ހުރިކަމުގައި ބެލެވޭ ބައެއް އާލާތްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި 15 އިންޗި ހުރި ފައިވާނެއް ވެސް ވަނީ ފެނިފަ އެވެ. މި ހޯދުންތަކާއެކު އެމެރިކާގެ އަސްލު ވަޒަންވެރިންގެ މުސްކުޅި ފްލޯކް ވާހަކައަށް ވަނީ އިތުރު ސަމާލުކަމެއް ލިބިފަ އެވެ. ވާހަކައިގައި ބުނާ ބިޔަ މީހުނަކީ ހަގީގަތުގައި ވެސް އުޅުނު ބައެއްތޯ އިތުރަށް ސުވާލު އުފެދުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.
އެމެރިކާ ހޯދުމުގައި ހަރަކާތްތެރިވި ސްޕެނިޝް މީހުންގެ ތެރެއިން މީހަކު 16 ވަނަ ގަރުގައި ވަނީ ސީ-ޓެ-ކާ މީހުނާ ބެހޭ ގޮތުން އެދުވަސްވަރު މީހުން ކިޔާ އުޅުނު ވާހަކަ ލިޔެ ރައްކާކޮށްފަ އެވެ. އޭގައިވާ ގޮތުން އެ މީހުން ކަނޑު ހުރަސްކޮށް އެމެރިކާ ނެވާޑާއަށް އައީ އެތައް ބައިވަރު ބިޔަ ބޯޓުތަކެއްގަ އެވެ. އެމީހުންގެ ހަށިގަނޑު ބިޔަވެފައި އިސްކޮޅު ދިގުކަމުން އާދައިގެ އިންސާނެއްގެ ބޯ އެއިން މީހެއްގެ ކަކުލާ ހަމަޔަށް ކިރިޔާ ފޯރަނީ އެވެ.
އެމެރިކާ ކޮންޓިނެންޓުގެ ބައެއް އެހެން ހިސާބުތަކުން ވެސް އާދަޔާ ޚިލާފު ބިޔަ މީހުން ކަމުގައި ބެލެވޭ އިންސާނުންގެ ކަށިތައް ފެނުނު ކަމުގައި ވިޔަސް ނެވާޑާގެ ހޮހަޅައިން ފެނުނު ފަދަ ފުރިހަމަ ކަށިތަކެއް ކުރިން ފެނިފައެއް ނުވެ އެވެ. ސައިންސްވެރިން އެ ކަށިތައް ދިރާސާކުރަމުން ގެންދާއިރު، ފްލޯކް ވާހަކާގައި ކިޔާ ސީ-ޓެ-ކާ މީހުންނާ އެކަށިތަކާ ހުރި ގުޅުންތައް ދަނީ ވަރުގަދަވަމުންނެވެ.
ފްލޯކް ވާހަކައިގެ އެންމެ މުހިންމު ސުވާލަކީ އެފަދަ ބާރުގަދަ ބިޔަ ބައެއްގެ ވަސް ވެސް ނެތި، އެއްކޮށް ފިލައި ދިޔައީ ކިހިނެއް ހެއްޔެވެ؟ ވާހަކައިގައި ކިޔާގޮތުންނަމަ ސީ-ޓެ-ކާ މީހުންގެ އުނދަގުލާއި ނުރައްކާ އެ ހިސާބުގަނޑުގެ ގަބީލާތަކަށް ބޮޑުވެ، ގިނަ ބަޔަކު މަރުވަމުން ދިއުމުގެ ސަބަބުން އެ މީހުންނާ ދެކޮޅަށް ތެދުވުމަށް ހުރިހާ ގަބީލާތައް އެއްގަލަކަށް އެރި އެވެ. އެންމެން އެކުވެ، ކުރި ހިތްވަރުން ސި-ޓެ-ކާ މީހުން މަރުވަމުން ބަލިކަށިވަމުންދިޔަ އެވެ. އެ ގްރޫޕްގެ އެންމެ ފަހުން ބާކީ ތިބި ހުރިހާ އެންމެން ސަލާމަތްކަން ހޯދުމަށް ވަނީ މިހާރުގެ ނެވާޑާ ސަރަހައްދުގައިވާ ލަވް ކޭވް ކިޔާ ކޭވަކަށެވެ. ކޭވަށް ވަން ބިޔަ މީހުންގެ ފަހަތުން ދިޔަ ގަބިލާތަކުގެ މީހުން އެހިސާބަކުން އެމީހުން ދޫކޮށެއް ނުލި އެވެ. އެ ހޮހަޅައަށް ވަދެ ނުކުމެ ވާން ހުރި ހުރިހާ ދޮރެއް ބަންދުކޮށް ހޮހަޅައިގެ އެތެރެ ރޯކޮށް އަންދާލީ އެވެ.
ފްލޯކް ވާހަކައިގައި ބިޔަ މީހުންގެ ނިމުން އޮތް ގޮތް ކަމަށް ބުނާ (ލަވް ކޭވް) ހޮހަޅައަކީ އާދަޔާ ޚިލާފު ކަށިތައް ފެނުނު ހޮހަޅަ އެވެ. އެހެންކަމުން އެއްދުވަސްވަރެއްގައި ނެވާޑާގައި 10 ފޫޓަށް ވުރެ ދިގު އިންސާނުން އުޅުނުކަން ގާތްގަނޑަކަށް ޔަގީނެވެ.