ޕާކިސްތާނު އޮތީ އިގްތިސާދީ އަނދަވަޅަކަށް ގާތްގަނޑަކަށް ވެއްޓިފަ އެވެ. އިގްތިސާދު ސަލާމަތް ކުރަން އެހީއެއް ދޭނެ ބަޔަކު ނެތެވެ. އެ ގައުމުގެ އޮތް ހާލަތަށް ބަލައި ލޯނެއް ދޭނެ ބަޔަކު ވެސް ނުވެ އެވެ. ޗައިނާ އިން ވެސް ލޯނުތައް ދިނުމަށް ފަހު އޮތީ އެ ގައުމު ދަރަނި ދަންތުރައެެއްގައި ޖައްސައިފަ އެވެ.
އެ ހާލަތުގައި އޮއްވައި ޕާކިސްތާން ސަލާމަތް ކުރުމަށް އެހީގެ އަތެއް ދިއްކޮށްލީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިންނެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް މާލީ އިދާރާ އިން ހަމަ ތިބެލައިފައެއް ގައުމުތަކުގެ އިގްތިސާދު ރަނގަޅު ކުރަން އެހީއެއް ނުދޭނެ އެވެ. އައިއެމްއެފް އިން ދޭ އެހީ ބިނާވާނީ އެ މީހުން ބުނާ އުސޫލުތަކަށް ތަބާވާ މިންވަރަކަށެވެ. އޭގެ ތެރޭގައި ޚަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރު ކުރުމަށް ޓެކްސްތައް ބޮޑުކުރުން ފަދަ ކަންކަން ހިމެނެ އެވެ. އެކަމަކު މިއީ ގައުމުތަކުގެ ސިޔާސީ ވެރިންނަށް އަޅަން ފަސޭހަ ފިޔަވަޅުތަކެއް ނޫނެވެ.
ހާލުގައި އޮތް ޕާކިސްތާނަށް ދޭން އައިއެމްއެފް އިން އެންމެ ފަހުން ނިންމީ ހަތް ބިލިއަން ޑޮލަރެވެ. އޭގެ ތެރޭން އެއް ބިލިއަން ޑޮލަރު ވަރަށް އަވަހަށް ދޭނެ އެވެ. ބާކީ ހަ ބިލިއަން ޑޮލަރު ދޭނީ ތިން އަހަރަށް ބަހާލައިގެންނެވެ.
ޕާކިސްތާނުން ވަނީ 1958 ވަނަ އަހަރުން ފެށިގެން އައިއެމްއެފް އިން 20 އަށް ވުރެ ގިނަ ލޯނު ނަގައިފަ އެވެ. އަދި އެއީ އައިއެމްއެފް އަށް ފަސް ވަނަ އަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމެވެ.
އައިއެމްއެފް އިން ބުނީ ޕާކިސްތާނަށް ކަނޑައެޅި އިގްތިސާދީ ޕްރޮގްރާމުގައި އިގްތިސާދީ އިސްލާހީ ވަރަށް ގިނަ ފިޔަވަޅުތައް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރިތަކާއި އާއްމުންގެ އަތުން ނަގާ ޓެކްސްތައް ބޮޑު ކުރަން ޕާކިސްތާނުން ވަނީ އެއްބަސްވެފަ އެވެ.
ބޭރުގެ ދަރަނި ބޮޑުވެ މިދިޔަ އަހަރު ވެސް ޕާކިސްތާން ޑިފޯލްޓް ނުވެ އޮތީ ކިރިޔާ އެވެ. އެ ގައުމުގައި ބޭރު ފައިސާ މިހާރު ވެސް ހުރީ އެއް މަހުގެ އިމްޕޯޓަށްވާ މިންވަރަށެވެ.
އައިއެމްއެފް އިން މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ޕާކިސްތާނަށް ވަނީ ތިން ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ދީފަ އެވެ. އޭގެ އިތުރުން ސައުދީ އާއި ޔޫއޭއީން ވެސް ވަނީ އެހީވެފަ އެވެ.
އިގްތިސާދީ ބައެއް ތަޖްރިބާކާރުން ބުނާ ގޮތުގައި ރާއްޖެ ވެސް އޮތީ އެފަދަ ހާލަތެއްގަ އެވެ. އިގްތިސާދު ހަމައަކަށް އަޅުވަން ހިތިބޭހެއް ބޯންޖެހޭ ވާހަކަ ސިޔާސީ ވެރިން ދައްކާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެކަމަކު ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ސަރުކާރު ސާފު މައުލޫމާތެއް އަދިވެސް ނުދެ އެވެ. އެނގޭ ކަމަކީ މުޅި ރާއްޖޭގެ ތަރައްގީގެ ހުރިހާ މަސައްކަތެއްހެން ގާތްގަނޑަކަށް ހުއްޓިފައިވާ ކަމެވެ. ރައްޔިތުން ދަނީ އެ މީހުންގެ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.
ރިޒާވް ދައްވެފައިވާ ކަމާއި ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން 800 މިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން ނެގިކަމުގެ ޚަބަރުތައް މިިދޔަ ހަފުތާގައި ދައުރުވި އެވެ.
ޕާކިސްތާން ނުވަތަ އަވަށްޓެރި ސްރީ ލަންކާ އަށް ދިމާވި ފަދަ ހާލަތަކަށް ރާއްޖެ އަދި ނުދިޔަ ނަމަވެސް ބޭރުގެ ލޯނުތައް ޑިފޯލްޓް ވެއްޖެ ނަމަ އައިއެމްއެފް ފަދަ އިދާރާއެއްގެ ޕްރޮގްރާމެއްގައި ބައިވެރިވާން މަޖްބޫރުވާނެ އެވެ. އޭރުން ޚަރަދު ކުޑަކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ އެވެ. ޓެކްސްތައް ބޮޑުވާނެ އެވެ. އާސަންދަ އާއި އެންސްޕާ ފަދަ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ރިފޯމް ކުރަން ޖެހޭނެ އެވެ. މި ހުރިހާ ކަމަކީ ވެސް ސިޔާސީ ގޮތުން ވެރިންނަށް ޕްރެޝަރެވެ. އެެހެންވެ ބަލާނީ ކިރިޔާ ވެސް ގޮތެއް އޮތިއްޔާ އައިއެމްއެފް ފަދަ ތަނެއްގެ ޕްރޮގްރާމެއްގައި ބައިވެރި ނުވެ ކުރިއަށް ދެވޭތޯ އެވެ.
އަވައްޓެރި ސްރީ ލަންކާގެ އިގްތިސާދު ފުނޑިގެން ދިޔައީ ދިވެހިންގެ ކުރިމަތީގަ އެވެ. ވެރިކަމަށް ވަޑައިގެންނެވި ގޯޓަބަޔާ ރާޖަޕަކްސާގެ ސަރުކާރުން ބެލީ ޚަރަދު ކުޑަ ކުރުމުގެ ބަދަލުގައި ޓެކްސްތައް ވެސް ކުޑަކުރާށެވެ. ކޮވިޑާ އެކު ގައުމުގެ ޓޫރިޒަމް ސުމަކަށް ވެއްޓުނު ދަނޑިވަޅު ފޮރިން ކަރެންސީ ރިޒާވް ގާތްގަނޑަކަށް ހުސްވެ ތެލާއި ގޭސް ފަދަ އަސާސީ ތަކެތި ގަންނާނެ މިންވަރު ވެސް ނެތި ދިޔައީ އެވެ. ނަތީޖާ އަކީ ގައުމުގެ އެތެރޭން ރައްޔިތުން ނުކުމެ ޕްރެޝަރު ކުރުމުން ގޯޓަބަޔާ އިސްތިއުފާ ދޭން މަޖްބޫރުވީ އެވެ. ލަންކާ ވެސް ހަމައަކަށް އެޅެމުން އެދަނީ އައިއެމްއެފްގެ ޕްރޮގްރާމެއްގެ ތެރޭންނެވެ.
ސަރުކާރުގެ ޙަރަދުތައް ކުޑަކޮށް ފުރަތަމަ ސަރުކާރުން ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ ،ސާފުމަންޒަރު ދައްކައި އަންނަންއޮތް ދަތިދުވަސްތަކަށް ރައްޔިތުން ކުރިޔާލާ ހޭލުންތެރިކުރުވުމުގެ ބަދަލުގައި ފެންނަނި އެހެންމަންޒަރެއް، ސަރުކާރުގެ މަތީވެރިން ރައްޔިތުންނަށް ވިސްނައިދެނީ އިޤްތިސާދު ރަނގަޅުވާނެކަމަށާއި ޑޮލަރުގެއަގުވެސް ދެން ތިރިވެދާނެކަމަށް މީ ހަގީގަތެއްނޫންކަން އެންމެނަށް އެނގޭ
ރިޕްލައި