ޝިފާ އާކީ ރަންރިހިން ގަހަނާ ހެދުމުގެ މަސައްކަތުގައި ވަރަށް ގިނަ މީހުންގެ މަގުބޫލުކަން ހޯދަމުން އަންނަ ހީވާގި އަދި އެހާމެ ހުނަރުވެރި މަސައްކަތްތެރިއެއް. ރަނާއި ރިހި ވިރުވައިގެން އޭނާ ފެސޭހަކަމާއެކު ގަހަނާ ޑިޒައިންކޮށްލާ. އޭނާ ތައްޔާރުކުރާ ތަކެތީގެ ތެރޭގައި ކަރުގައި އަޅާ ފަށާއި، އަތުރުރީ ކެވެލި، ފަށުފޫ އަދި އަނގޮޓި ހިމެނޭ.

މީގެ 400 އަހަރުކުރިން ވެސް ދިވެހިން ގަހަނާ ތައްޔާރުކޮށް ބޭނުން ކުރަމުން އައިކަމަށް ދިވެހި ތާރީޚު ހެކިދެ އެވެ. އެ ޒަމާނުގައި އާންމުކޮށް ގަހަނާ އަޅާ އުޅުނީ ގަނޑުވަރުތެރޭ އަންހެން ބޭފުޅުންނެވެ. އެ ފަރި ގޮމާތަކަށް ރީތިކަން ގެނުވައިދިނީ ތިލޭރުންގެ ބުރަ މަސައްކަތުން ތައްޔާރު ކުރާ ކަރުގައި އަޅާ ރަން ފަށްޓަރު ބައިތަކުންނެވެ. އުނގަނޑުގައި އަޅާ ރިހި ފަށްޓަރާއި އަތުކުރީގައި އަޅާފައި ހުންނަ އުޅާބައިންނެވެ.

އެ އަންހެން ކަނބަލުން ދެ ފައިގައި އަޅާފައިހުންނަ ތަކަހޮޅީގެ މިއުޒީކީ އަޑު ހިނގާފައިދާ މަގުތަކަށް ފެތުރިފައި ހުރެ އެވެ. އަދި ކަންފަތުގައި ލާފައިވާ ރަންމުންޖާއި އިނގިލީގައި އަޅައިފައި ހުންނަ ރަން އަނގޮޓީގެ ސަބަބުން އެއީ ފަތްމިނިންތަކެއް ހެން ހީވާ ފަހަރު ވެސް އާދެ އެވެ.

ރާއްޖޭގައި ރަންރިހީގެ މަސައްކަތަށް އެންމެ މަޝްހޫރު އަދި އެންމެ ފުންނާބު އުސް މީހުން ތިބީ ދ. ހުޅުދެލީގައި އާއި އެ އަތޮޅު ރިނބުދޫ ގަ އެވެ. އާންމުކޮށް އޭރު ރަންރިހީގެ މަސައްކަތް ކޮށްއުޅުނީ ފިރިހެނުންނެވެ. ނަމަވެސް ފަހަކަށް އައިސް އަންހެނުން ވެސް ގަހަނާ ހެދުމުގެ މަސައްކަތުގައި ފިރިހެނުންނާއި އެއްހަމައެއްގައި ފާއިތިލަ ސާބިކުރަމުންދާ ކަން އެއީ ފެންނަ ހަގީގަތެވެ. އެކި އޮންލައިން ޕޭޖްތަކަށް ބަލާލުމުން އެކަން ޔަގީންވެ އެވެ.

ޝިފާ ހަދާފައިވާ ގަހަނާ: މިއީ އަންހެނުން ކުރުމަށް ރަނގަޅު މަސައްކަތެއް

ރ. ވާދޫ އިކުލީލް، އައިމިނަތު ޝިފާނާ (ޝިފާ) އަކީ ރަންރިހިން ގަހަނާ ހެދުމުގެ މަސައްކަތުގައި ވަރަށް ގިނަ މީހުންގެ މަގުބޫލުކަން ހޯދަމުން އަންނަ ހީވާގި އަދި އެހާމެ ހުނަރުވެރު މަސައްކަތްތެރިއެކެވެ. މަސައްކަތްތެރި އާއިލާއަކަށް ނިސްބަތްވާ ޝިފާ މި މަސައްކަތުގެ ތެރެއަށް ނިކުމެވުނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިކަމުގެ ދުވަސް ވަރު، އޮންލައިންކޮށް ސަރުކާރުން ހިންގި އަތްތެރި މަސައްކަތުގެ ކޯހެއްގައި ބައިވެރިވި ހިސާބުންނެވެ.

ރަންރިހިން ގަހަނާ ގަތަން ޝިފާ ވަރަށް މޮޅު

އެކި މައުދަނުތަކާ ޝިފާ މިއަދު ވަރަށް ރައްޓެއްސެވެ. ރަނާއި ރިހިން ފެސޭހަކަމާއެކު ގަހަނާ ޑިޒައިންކޮށްލަ އެވެ. އަމިއްލަ ރަނާއި، މީހުންދޭ ރަނުގަ އެވެ.

"އެމްއައިޓީ އާއި ސަރުކާރު ގުޅިގެން ކޮވިޑްއަށްފަހު ހިންގި އަތްތެރިމަސައްކަތުގެ ހަ މަސްދުވަހުގެ ކޯހެއް އަޅުގަނޑު ފުރަތަމަ ފުރިހަމުރީ،" ޝިފާ ބުންޏެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ހިންގި އެ ކޯހުގެ ފުރަތަމަ ތިން މަސް ޚާއްސަވެފައި ވަނީ ތިއަރީބައި ކިޔަވައި ދިނުމަށެވެ. ތިއަރީ ބައިގައި ތިލޭރު މަސައްކަތް ކުރާނެގޮތާއި، އެ މަސައްކަތް ކުރުމުގައި ރައްކާތެރިވާނެ ކަންކަން އޮޅުން ފިލުވައިދިނެވެ. ޕްރެކްޓިކަލް ބައި ހެދީ ކޮވިޑްގެ ދުވަސްވަރަށް ފަހު އައި ލޮކްޑައުން ތެރޭގަ އެވެ. ޕްރެކްޓިކަލް ބައިގައި ރިހިން އަނގޮޓި ހަދަން ދަސްކޮށްދިން ކަމަށް އޭނާ ބުންޏެވެ. ޝިފާއަށް ކޯހުން ފުރަތަމަ ހަދަން ދަސްވީ އާދައިގެ އަނގޮޓި އެވެ.

އެއަށްފަހު އެކި ވައްތަރުގެ ކެވެލި ގަތަން ދަސްވި އެވެ. ކޯހުގައި މުޅީން ހެން ދަސްކުރީ ރިހީގެ މަސައްކަތެވެ. މަސައްކަތަށް ހުރި ޝައުގުވެރިކަން ބޮޑުކަމުން އިތުރަށް ރަންރިހީގެ މަސައްކަތް ދަސްކުރުމަށް ޓަކައި ދ. އަތޮޅު ހުޅުދެލީ މީހެއްގެ ކައިރިން އިތުރު މަސައްކަތް ދަސްކުރި އެވެ. ރަނާއި ރިހި ވިރުވައިގެން، އާ ގަހާނާ ތައްޔާރު ކޮށްލުމަކީ ވެސް މިއަދު ޝިފާއަށް ދާދި ފަސޭހަކަމެކެވެ. އޭނާ ތައްޔާރުކުރާ ތަކެތީގެ ތެރޭގައި ކަރުގައި އަޅާ ފަށާއި، އަތުރުރީ ކެވެލި، ފަށުފޫ އަދި އަނގޮޓި ހިމެނެ އެވެ.

ޝިފާ ހަދާފައިވާ އަނގޮށްޓިއެއް: އެންމެ ފުރަތަމަ ދަސްކުރީ ރިހިން ގަހަނާހަދަން

"މިހާރު ހަލާކުވެފައި ހުންނަ ގަހަނާ ހަދާ ރަނގަޅު ކޮށްދެން. އަދި އޭގެ އިތުރުން ރަންރިހިން ވިއަސް ބުނާގޮތަކަށް ޑިޒައިންކޮށް ގަތައިދީ ހަދައި ދޭށޭ ބުނީމައި އެބުނި ގޮތަކަށް ހަދައިދެން. މަސައްކަތް ކުރަން ފަސޭހަ ނަމަވެސް އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް ގެންނަން ޖެހެނީ ރާއްޖޭން ބޭރުން. ބޭނުންވާ ތަކެތި ހޯދައިދީ މި މަސައްކަތުގައި އަޅުގަނޑަށް އެންމެ ބޮޑު ސަޕޯޓެއް ވެދޭ މީހަކީ އަޅުގަނޑުގެ ފިރިމީހާ،" އޭނާ ބުންޏެވެ.

މަސައްކަތް ފުޅާކުރުމަށް މާކެޓްކުރަން މާބޮޑު ކަމެއް ނުކުރިނަމަވެސް، ޝިފާ ގަހަނާ ހަދާކަން އެނގިގެން، މަސައްކަތް ހަވާލުކުރާ މީހުން ވަރަށް ގިނަ އެވެ.

"ވަރަށް ފައިދާވޭ މަސައްކަތް ލިބެންޏާ. މަސައްކަތުގެ އަގާއި ރަންރިހީގެ އަގު ލައިގެން ޖުމްލަ އަގު ހަދަނީ،" ގަހަނާ ހެދުމުގެ މަސައްކަތުގައި މިހާރު ތިންވަނަ އަހަރު ގުނަމުންދާ ޝިފާ ބުންޏެވެ.

ޝިފާ ރަންރިހީގެ މަސައްކަތްކުރަނީ އަމިއްލަ ގޭގެ ސިޓިންރޫމްގަ އެވެ. އެ މަސައްކަތް ކުރުމަށް ވަކިތަނެއް ހުޅުވުމުގެ ވިސްނުން ހުރި ނަމަވެސް އަދި އެކަންކުރުމަށް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެ އެވެ.

މެކްރޭމް ވިޔުމެއް:ޝިފާއަށް ލިބިފައިވާ ހުނަރުތައް އެހެންމީހުނަށް ދަސްކޮށްދޭން ވަނީ ވިސްނާފައި

"އަދި މަސައްކަތް މިކުރަނީ ގޭތެރޭގައި. މުސްތަގުބަލްގައި ވަކި ތަނެއް ހުޅުވައިގެން މި މަސައްކަތް ކުރުމަށް ވިސްނަން. އޭގެ އިތުރުން އަޅުގަނޑު ވަރަށް ބޭނުންވޭ އިތުރު ބަޔަކަށް މި މަސައްކަތް ދަސްކޮށްދީ، ތަމްރީނުކޮށް، މި ހުނަރު ކުރިއަރުވައި އަދި މި މަސައްކަތުގެ ތެރެއަށް މީހުން ނެރެން. ވަރަށް ކައިރި މުސްތަގްބަލެއްގައި އެކަން ކުރެވޭނެހެން ހީވަނީ،" ގަހަނާ އަމިއްލައަށް ތައްޔާރު ކުރުމުގެ އިތުރުން ރެޑީމޭޑް ގަހަނާ ވިއްކުމުގެ ވިޔަފާރި ވެސް ކުރާ ޝިފާ އޭނާ ކުރިއަށް ވިސްނާ ގޮތް ހިއްސާކޮށްލި އެވެ.

ޝިފާގެ އިތުރު ހުނަރެއް

ގަހަނާ ހެދުމުގެ އިތުރުން ޝިފާއަކީ މެކްރޭމް (ވަލުން ގެތުމުގެ މަސައްކަތް) ކުރާ މީހެކެވެ. އެކި ޑިޒައިންތަކަށް ދަބަހާއި ގަސްޕޮޓް އެލުވާ ތަކެތި ހެދުމަކީ ވެސް އޭނާ ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތެކެވެ.

"އަޅުގަނޑު ކުރާ މަސައްކަތް ފެންނާނެ ދިވެހި ނޮޓް ކިޔާ ޕޭޖުން. ގޯތި އޮންލައިން އަދި ޖޯލި އޮންލައިން އިން ވެސް. ވަރަށް ރީތި މަސައްކަތް ފެންނަށް ހުންނާނެ އެ ޕޭޖުގައި،" އޭނާ ބުންޏެވެ.